މާލޭގެ މަގުތަކުގައި އާންމުންނަށް ދަތިވާގޮތަށް، ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިއަދު އެކަނިވެސް 200އަށްވުރެ ގިނަ އުޅަނދު ނަގާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލޭ މަގުތަކުގައި އާންމުންނަށް ދަތިވާގޮތަށް، ދިގު މުއްތަކަށް ބޭނުންނުކޮށް ދޫކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން މިއަދު ކުރި މަސައްކަތުގެ ތެރެއިން ޖުމްލަ 208 އުޅަނދެއް ޓޯކޮށްފައިވާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ، 168 ދެފުރޮޅުލީ އުޅަނދާއި، 40 ހަތަރުފޮރޮޅުލީ އުޅަނދެވެ.
މާލޭގެ މަގުތަކުގެ 2 ފަރާތުގައި ޤަވާއިދާ ޚިލާފަށް ގިނަ އުޅަނދުތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން މަގު ބޭނުންކުރާ މީހުންނަށް ދަތިތަކާ ކުރިމަތިލާންޖެހެއެވެ. އެގޮތުން އިތުރުވަމުންދާ އުޅަނދުތަކާއެކު ކުރިމަތިވަމުންދާ ޕާކިން މައްސަލަ، މިފަދައިން ހުރި ދުވަސްވީ އުޅަނދުތަކާއެކު އިތުރަށް ބޮޑުވެއެވެ.
މި މައްސަލައަށް ޙައްލެއް ގެނައުމަށްޓަކައި މާލޭގެ މަގުތަކުގައި އާންމުންނަށް ދަތިވާގޮތަށް، ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް، ދިވެހި ފުލުހުންގެ ޚިދުމަތާއި، މާލެ ސިޓީ ކައުންސިލާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާ ގުޅިގެން ދަނީ ކުރަމުންނެވެ.
މިއީ މާލޭގެ މަގު ތަކަކީ އެންމެންނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތެއް ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
މީގެއިތުރުން، ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައިވެސް ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ކުރަމުންނެވެ.