ޚަބަރު

"މިނިވަން މުސްތަގިއްލު ފަލަސްޠީނެއް ގާއިމުވަންދެން އެ ޤައުމުގެ ޙައްގުގައި ސާބިތުވެ ތިބެންޖެހޭ"


  • ޣައްޒާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިހާރުން މިހާރަށް ނައްތާލުމަށްވަނީ ގޮވާލާފައި

  • ބޮޑެތި ބާރުތަކުން ޔަހޫދީ ދައުލަތަށް އެހީތެރިވުން ކުށްވެރިކުރެއްވި

މިނިވަން މުސްތަގިއްލު ފަލަސްޠީނެއް ގާއިމުވަންދެން އެ ޤައުމުގެ ޙައްގުގައި ދިވެހި ރައްޔިތުން ސާބިތުވެ ތިބެންޖެހޭ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓާލުމަށާއި ޣައްޒާގެ ހިސާރު ނައްތާލުމަށް ގޮވާލާ ހުކުރު ދުވަހުގެ ހަވީރު ރާއްޖޭގައި ކުރިއަށްގެންދިޔަ ބޮޑު އެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ފަލަސްޠީނަކީ އެ ޤައުމުކާއި ދިވެހި އުންމަތާ އަބަދުވެސް ވަރުގަދަ އުޚުވަތްތެރިކަމުގެ ގުޅުމެއް އޮތް ޤައުމެއް ކަމަށެވެ. ދިވެހިން މިއަދު އަޑުއުފުލަމުންދަނީ އެ ޤައުމާއި ޤައުމުގެ ރައްޔިތުންނާއި މަސްޖިދުލްއަޤްސާ އަދި ޣައްޒާގެ ދިފާއުގައި މަސައްކަތް ކުރާ މުޖާހިދުންނަށްޓަކައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޝަހީމް ވަނީ ޔަހޫދީ ދައުލަތުން ޣައްޒާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިހާރުން މިހާރަށް ނައްތާލައި ޣައްޒާގެ ހިސާރު ނައްތާލުމަށް ގޮވާލައްވާފައެވެ. އަދި ބޯޑަރުތައް ހުޅުވާލައި، ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށްވެސް ވަޒީރު ވަނީ ގޮވާލައްވާފައެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވަނީ ޔަހޫދީ ދައުލަތުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިސްނީ އަމަލުތަކާއި އެ އަމަލުތައް ހިންގުމުގައި ބައިނަލްއަގުވާމީ ބޮޑެތި ބާރުތަކުން އެ ދައުލަތަށް ވަމުން އަންނަ އެހީތެރިކަންވެސް ކުށްވެރިކުރައްވާފައެވެ.

"އަޅުގަނޑުމެން ގޮވާލަނީ ޣައްޒާއަށް އޮތް ހިސާރު މިހާރުން މިހާރަށް ނައްތާލާށޭ. ޣައްޒާއަށް އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތައް މިހާރުން މިހާރަށް ނައްތާލާށޭ. ބޯޑަރުތައް ހުޅުވާލާށޭ އަޅުގަނޑުމެން ގޮވާލަމުން މިދަނީ. އަޅުގަނޑުމެން ކުށްވެރިކުރަން އިޒްރޭލުން ޣައްޒާގެ އަހުލުވެރިންނާ ދެކޮޅަށް ހިންގަމުން އަންނަ ޢުދުވާން. އަދި އަޅުގަނޑުމެން ކުށްވެރިކުރަން ބައިނަލްއަގުވާމީ ބޮޑެތި ބާރުތަކުން އިޒުރޭލަށް ދެމުން ގެންދާ އެހީތެރިކަން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް". ވަޒީރު ޝަހީމް ވިދާޅުވިއެވެ.

ދިވެހި ހުރިހާ ރައްޔިތުން ފަލަސްޠީނާއި ޣައްޒާގެ ޙައްގުގައި އަޑުއުފުލުގައި ސާބިތުވެ ތިބެންޖެހޭކަން ފާހަގަކުރައްވައި ވަޒީރު ޝަހީމް ވިދާޅުވީ މިއީ ޙައްގު ގޮތް ކަމަށެވެ. އަދި ފަލަސްޠީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމުވަންދެން އެ ޙައްގުގެ މަތީގައި ދިވެހިން ސާބިތުކަމާއެކުގައި ތިބެންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ސަހުޔޫނީ ބާރުތަކާ ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ މަތިވެރި ޖިހާދުގައި ދިވެހި ރައްޔިތުންވެސް ބައިވެރިވާންޖެހޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ދުލުން ކަމުގައިވިޔަސް އަދި މުދަލުން ކަމުގައިވިޔަސް އެ މީހަކަށް ބައިވެރިވެވެން އޮތް ގޮތަކަށް އެ ޖިހާދުގައި ބައިވެރިވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.