ޤައުމީގޮތުން ފާހަގަކުރާ ޚާއްސަ ދުވަސްތަކާ ގުޅިގެން، އެ ދުވަސްތަކުގެ ތާރީޚާ ގުޅޭގޮތުން އެ މަޢުލޫމާތު އެންމެ ޢިލްމީ ގޮތެއްގައި ގެނެސްދިނުމަށް ޕީއެސްއެމް ނިއުސްއިން އަބަދުވެސް މި އަންނަނީ މަސައްކަތްކުރަމުންނެވެ. މީގެ ބޭނުމަކަށްވަނީ ބޮޑުވަމުން އަންނަ ޖީލާ، ޒުވާނުންނާ އަދި ދިވެހި ހުރިހާ ރައްޔިތުންނަށް، މި ދުވަސްތަކުން ލިބޭ އިބުރަތާ، ފިލާވަޅުތަކާއި، ކާބަފައިން ދިވެހި ޤައުމުގެ ޙިމާޔަތުގައި ވީ ޤުރުބާނީގެ ހަނދާނާއި ރޫޙު އާކޮށްދިނުމެވެ.
ޕީއެސްއެމް ނިއުސްއިން މިގޮތަށް ގެނެސްދޭ ކޮންމެ ޕްރޮގްރާމެއް ނުވަތަ ޑޮކިއުމަންޓްރީއަކީ، ތާރީޚީ އަދި ޢިލްމީ ގިނަ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ، މަޢުލުމާތުން ފުރިގެންވާ ހުށައެޅުންތަކެވެ.
ކޮންމެ އަހަރެއްގެވެސް ރަބީޢުލްޢައްވަލްމަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ފަޙުރުވެެރި "ޤައުމީ ދުވަސް"ގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރަނީ 15 އަހަރާއި 6 މަސް ދުވަހަށްފަހު، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ހޯދި ނަޞްރާ، އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބަންޑާރައިންނާއި އެ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ބަޠަލުންގެ ހަނދާނާ ޒިކުރާ އާކުރުމަށެވެ.
މި ޙާދިސާގެ ވާހަކަތަކާ އޭރުގެ އެހަނދާންތައް އާކޮށް، މި ދުވަސް ފާހަގަކުރުމަށް ޕީއެސްއެމް ނިއުސްއިން އަންނަނީ ޚާއްސަ ޑޮކިއުމަންޓްރީއެއް ތައްޔާރުކުރަމުންނެވެ. މި ޑޮކިއުމަންޓްރީގައި މި ހާދިސާގެ ވަރަށް ފުނަށް ފީނާ، ޙާދިސާގެ ވާހަކަތައް ތިލަކޮށްދިނުމަށް މަސައްކަތްކޮށްފަވާނެއެވެ. އަދި މި ޖިހާދުގެ ވާހަކަތަކާ، އުތީމު ބަންޑާރައިންގެ ދިރިއުޅުއްވުމުގެ އިތުރުން، އެޒަމާނުގެ ދިވެހިންގެ ދިރިއުޅުމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުވާލާފައިވާނެއެވެ.
ޚާއްސަ މަސައްކަތެއްގެ ގޮތުން، އަދުގެ މުސްކުޅިންނާ ހަމައަށް އެ ވާހަކަތައް ދޫދޫމަތިން އައިސްފައިވާ ގޮތް ވަރަށް ރަނގަޅަށް ޑޮކިއުމަންޓްކޮށްފައިވާނެއެވެ. މިއީ ތާރީޚީ ވާހަކަތައް ޑޮކިއުމަންޓްކޮށް ރައްކާކުރުމަށް ޕީއެސްއެމް ނިއުސްްއިން ކޮށްފައިވާ ވަރަށް މުހިންމު މަސައްކަތެކެވެ. އަދި ދިވެހި ތާރީޚީ ލިޔެކިޔުންތަކުން އިނގެންހުރި ގިނަ ވާހަކަތަކެއް ހިމެނެއެވެ.
މި ޙާދިސާއާއި ގުޅުންހުރި ވާހަކަތައް ގެނެސްދީ، ޑޮކިއުމަންޓްރީ ތައްޔާރުކުރުމަށް ޕީއެސްއެމްގެ ޓީމުން ވަނީ، މި ހާދިސާއާއި އެންމެ ބޮޑަށް ގުޅުންއޮތް ހއ.ބާރަށް، ހއ.އުތީމު އަދި ހއ.ތަކަންދުއަށް ދަތުރުކޮށްފައެވެ. އެ ރަށްރަށުގައި މިހާރު ފެންނަންހުރި އާސާރީ ބިނާތަކާ، ސަރަޙައްދުތަކާ، އެބޭބޭކަލުންގެ ދިރިއުޅުއްވުން މި ރަށްރަށުގައި ހުރި ގޮތާއި، ކުރެއްވި މަސައްކަތްތަކާއި އޭރުގެ ދިވެހިންގެ ދިރިއުޅުން ސިފަކޮށްދިނުމާ، އެ ވާހަކަތައް ގެނެސްދިނުމުގައި ބުރަ މަސައްކަތެއް މި ޑޮކިއުމަންޓްރީގައި ކޮށްފައިވާނެއެވެ.
ޑޮކިއުމަންޓްރީގެ މަސައްކަތްކޮށްފަވަނީ، ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްއާ، މި ރަށްތަކުގެ ކައުންސިލްތަކާ، ރައްޔިތުންގެވެސް ބޮޑު އެއްބާރުލުމަކާއެކުއެވެ. ޑޮކިއުމަންޓްރީ ދެއްކުމަށް ހަމަޖެހިފަވަނީ، ޤައުމީ ދުވަހުގެ މުނާސަބާއާ ގުޅުވައިގެން އަންނަ ހަފްތާގެ ހޮނިހިރުދުވަހުއެވެ.