ޚަބަރު

ޣައްޒާއަށް އެހީގެ ސާމާނު ނުވެއްދި ގުދަންތަކާއި މަގުތަކުގެ މަތީގައި ފުނިޖެހި ހަލާކު ވަނީ


ފަލަސްޠީނުގެ ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ އެތަކެއް ސަތޭކަ ހާސް ބަޔަކަށް ފޯރުކޮށްދިނުމަށް އެ ސަހަރަށް އެތެރެ ކުރުމަށް މަސައްކަތް ކުރި ގިނަ އަދަދެއްގެ ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީ ސިފައިން ހުރަސް އަޅާފައިވާ ކަން އެހީދޭ ޖަމުޢިއްޔާތަކާއި އެކުވެރި ދައުލަތްތައް (އދ)ގެ އޮފިޝަލުން ހާމަކޮށްފިއެވެ. ޣައްޒާގައި ދިރިއުޅޭ 2.2 މިލިޔަނެއްހާ ރައްޔިތުން ހައިހޫނުގައި ޖެއްސުމަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާގެ ދަށުން، ކާބޯތަކެއްޗާއި އެހީގެ ސާމާނު އެ ސަހަރަށް އެތެރެ ކުރުމަށް ޔަހޫދީ ސިފައިން ދަނީ ހުރަސް އަޅަމުންނެވެ.

އދއާއި އެހީދޭ ޖަމުޢިއްޔާތަކުގެ އޮފިޝަލުން ބުނީ، އޮގަސްޓު 10ވަނަ ދުވަހު ވެސް ޣައްޒާއަށް އެތެރެ ކުރުމަށް މަސައްކަތް ކުރި ގިނަ އަދަދެއްގެ ކާބޯތަކެއްޗަށް ޔަހޫދީ ސިފައިން ހުރަސް އަޅާފައިވާ ކަމުގައެވެ. އަދި، އެ ތަކެތި އަނބުރާ މިޞްރަށް ފޮނުވައިލާފައިވާ ކަމުގައެވެ. އޮފިޝަލުން ބުނީ، ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް ބޭރު ޤައުމުތަކާއި އެހީދޭ ޖަމުޢިއްޔާތަކުން ފޮނުވާފައިވާ ގިނަ އަދަދެއްގެ ކާބޯތަކެތި، އެ ސަހަރުގެ ސަރަޙައްދީ ހުރަސްތައް ކައިރީގައި މަގުތަކުގެ މަތީގައި ފުނިޖެހި، ހަލާކުވަމުންދާ ކަމުގައެވެ.

އެންމެ ފަހުން ޣައްޒާއަށް އެތެރެ ކުރުމަށް ޔަހޫދީ ފައުޖުން ހުރަސް އަޅާފައި ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ފޯރުކޮށްދީފައިވާ ކާބޯތަކެއްޗާއި ބޭހާއި ބޭސްފަރުވާއަށް ބޭނުންވާ ސާާމާނެވެ. އެ ތަކެތި، މިޞްރާއި ޣައްޒާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ތާށިކޮށްލާފައިވާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ.

ޑަބްލިޔުއެޗްއޯގެ އޮފިޝަލަކު ބުނީ، އެ ތަކެތި ޣައްޒާއަށް އެތެރެ ކުރުމަށް ޔަހޫދީ ސިފައިން ހުރަސް އަޅާފައި ވަނީ، އޭގެ ތެރޭގައި މަނާ ބޭސްތަކެއް ހުރި ކަމަށް ބުނެ ކަމުގައެވެ. މި ކަމާ މެދު، ޤައުމުތަކުގެ ކުރީގެ ރައީސުންނާއި ވެރިންގެ މައްޗަށް އެކުލެވިގެންވާ ޖަމުޢިއްޔާ، އެލްޑަރސުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ އިސް އުފައްދަވާފައިވާ އެ ޖަމުޢިއްޔާއިން ވަނީ، މިޞްރުގެ ސަރަޙައްދީ ރޮނގު ކައިރިއަށް ނޫސްވެރިން ގެންގޮސް، ޣައްޒާއަށް އެތެރެ ނުކުރެވި މަގުތަކުގައި ހަލާކުވަމުންދާ ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު ދައްކައިލާފައެވެ.

އަޔަލެންޑުގެ ކުރީގެ ރައީސް މޭރީ ރޮބިންސަނާއި ނިއު ޒިލެންޑުގެ ކުރީގެ ބޮޑުވަޒީރު ހެލެން ކްލާކް އެ ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި، ޣައްޒާގެ ރައްޔިތުންނާ ދެމެދު ޔަހޫދީން އަމަލު ކުރަމުންދާ ލާއިންސާނީ ގޮތާ މެދު އެ ދެ ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެލްޑަރސަކީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމަށް ވެސް ގޮވައިލައި، ވަކާލާތު ކުރަމުންދާ ޖަމުޢިއްޔާއެކެވެ.

"މި ހުރަހަކީ [ރަފަޙްގެ ސަރަޙައްދީ ހުރަސް]، އެކަކު އަނެކާއާ ބައްދަލުވެވޭ ތަނެއް، އެއްވެސް ހުރަހަކާ ނުލައި މީހުންނަށް ވަދެނިކުމެ ހެދޭ މަގެއް، ބަލި މީހުންނަށް އިތުރު ފަރުވާ ދިނުމަށް ބޭރަށް ގެންދިޔުމުގައި ބޭނުން ކުރެވޭ މަގެއް، ނަމަވެސް މިއަދު މި ހުރަސް ހަމަހިމޭންވެފައި އޮތް މަންޒަރު ފެނުމަކީ ސިހުން ގެނުވާ ކަމެއް،" ރަފަޙް ހުރަސް ކައިރީގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ކްލާކް ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުމާއި ފިއްތުންތަކާ ގުޅިގެން ޔަހޫދީން މިހާރު ދަނީ މަދު އަދަދެއްގެ ކާބޯތަކެއްޗާއި އެހީގެ ސާމާނު ޣައްޒާއަށް އެތެރެ ކުރުމުގެ ފުރުޞަތު ދެމުންނެވެ. އެ ފުރުޞަތު ހުޅުވައިލާފައި ވަނީ ޖުލައި 27ވަނަ ދުވަހުއެވެ. ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ، އެ ދުވަހަށް ފަހު ޣައްޒާއަށް އެތެރެވުމުގެ ފުރުޞަތު ދީފައި ވަނީ އެހީއާ އެކު ދަތުރު ކުރި އެންމެ 1,334 ލޮރީއަށް ކަމުގައެވެ. މިއީ، ކޮންމެ ދުވަހަކަށް ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާނެ 600 ލޮރީގެ ކާބޯތަކެއްޗާއި އެހީގެ ސާމާނާ އަޅައިބަލާއިރު، ވަރަށް ކުޑަކުޑަ މިންވަރެކެވެ. މިއީ، ޣައްޒާގެ ރައްޔިތުން ބަނޑަށްޖައްސައި ޝަހީދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާއެކެވެ. ޣައްޒާއިން ބަނޑަށްޖެހިގެން މިހާރު ވެސް 200އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.