ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވްގައި ހިމެނޭ ހަނިފަރުބޭ ސަރަހައްދު ބެލެހެއްޓުމަށް ދަރަވަންދޫގައި ވޮޗް ޓަވަރެއް ޤާއިމުކޮށްދެއްވާނެކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެވެ.
ރައީސް މިހެން ވިދާޅުވީ މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދަރަވަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެއެވެ. މިއީ ރާއްޖޭގައި ހިމާޔައްކޮށްފައިވާ ސަރަހައްދުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކުރެވޭ މުހިއްމު މަސައްކަތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ބ. އަތޮޅުގެ ބަޔޮސްފިއަރ ރިޒާވްއަކީ އެ ސަރަހައްދުގެ ފަތުރުވެރިކަމާއި މުޅި ރާއްޖޭގެ ފަތުރުވެރިކަމަށްވެސް މުހިންމު ތަނެއްކަމަށެވެ. އަދި ދަރަވަންދޫގައި ލޯކަލް ޓުއަރިޒަމް ކުރިއަރަމުންދާއިރު، ގިނަ ގެސްޓު ހައުސްތަކާއި، މިހާރުވެސް އިތުރު ތަން ތަން ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ރައީސް ވިދާޅުވީ ލޯކަލް ޓުއަރިޒަމް މިހާ ފުޅާދާއިރާއެއްގައި ހިނގާއިރު، އެ ސަރަހައްދު އިތުރަށް ތަރައްޤީކުރުމަކީ މުހިންމުކަމެއްކަމަށާއި، އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ދަރަވަންދޫގައި ވޮޗް ޓަވަރއެއް ގާއިމްކުރުމުގެ މަސައްކަތް ކުރައްވާނެކަަމަށް ރައީސް ވިދާޅުވިއެވެ.
"މިރަށުގައިވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އިތުރު ވޮޗް ޓަވާރެއް ޤާއިމްކޮށްދީ މިރަށުގައި ލޯކަލް ޓުއަރިޒްމް ހިނގާ ފަރާއްތަކުން އެ ސަރަހައްދު ބޭނުންކުރުމުގައި މިރަށައް ބޭނުންވާ ފަސޭހަތައް ހޯދާނިނުމުގެ މަސައްކަތް ކޮށްދޭނަން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
މި މަސައްކަތާއި ގުޅޭގޮތުން ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވީ ބަޔޮސްފިއަރ ރިޒާވްއަކީ މުޅި ބ.އަތޮޅު ނަމަވެސް ހަނިފަރުބޭ ސަރަހައްދު އޮންނަނީ ދަރަވަންދޫއާއި އެންމެ ގާތުގައިކަމަށެވެ. އެހެންކަމުން ވޮޗް ޓަވަރު އެޅުމުގެ ބޭނުމަކީ ދަރަވަންދޫއިންވެސް އެތަން ރައްކާތެރިކާމާއެކު ބެލެހެއްޓޭނެ ގޮތް ހެދުންކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ހަނިފަރުބޭ ސަރަހައްދަށް ހުއްދަ ހޯދައިގެން ވަދެއުޅޭ ފަރާތްތަކާއި އަދި ކުއްލިއަކަށް ދިމާވާ ކަންކަމަށް އަވަހަށް އިޖާބަދީ ފަސޭހައިން ބެލޭނެ ގޮތް ހެދިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ދަރަވަންދޫ އެހާ ގާތުގައި ހަނިފަރުބޭ އޮންނާނީ ދަރަވަންދޫންވެސް އެތަން ބެލެހެއްޓޭނެ ގޮތެއް ހެދުމުގެ ގޮތުން ވޮޗް ޓަވަރެއް އެތަނުގައި އޭރުން އެތަނަށް ދާ ފަރާއްތަކަށް އެތަނަށް ލީގަލްކޮށް ވަދެގެން އުޅޭ ފަރާއްތަކާއި ނޫނީ ކުއްލިއަކަށް އެޓެންޓުވާން ޖެހޭ ކަމެއް އޮވެއްޖެއްޔާވެސް އެތަންތަން ފަސޭހައިން ބެލޭނެ ގޮތް ހެދުމަށް އެ މަސައްކަތް ކުރުމަށް އެ ރަށުގެ ރައްޔިތުން އެދުނީ އެރަށުގައި ވޮޗް ޓަވަރއެއް އާޅާދިނުމަށް" ވަޒީރު ވިދާޅުވިއެވެ.
ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވްއެއްގެ ގޮތުގައި އެންމެ ފުރަތަމަ ކަނޑައެޅީ 28 ޖޫން 2011 ގައެވެ. އެދުވަހުން ފެށިގެން މިއަދާހަމައަށް އައިއިރު، އެއަތޮޅުން ތިމާވެށީގެ ގޮތުންނާއި ކަނޑުގެ ދިރުމުން މުއްސަދި 10 ސަރަހައްދެއްވަނީ ޙިމާޔަތްކޮށްފައެވެ. އެހެންނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ޕްލޭނެއް ހަދައިގެން ބަލަހައްޓަމުން ގެންދަނީ 4 ސަރަހައްދެކެވެ.
ބ.އަތޮޅު ހަނިފަރު ސަރަޙައްދަކީ ބ. އަތޮޅުގެ އިރުއުތުރު ބިތުގައި އިރުއުތުރުން މާ ކަނޑާ ގުޅިފައިވާ ތަނެކެވެ. އަދި މި ސަރަޙައްދަކީ ޤުދުރަތީ ވަސީލަތްތަކާއި ދިރުންތަކުގެ މުއްސަނދި ކަމުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ސަރަޙައްދެކެވެ.
ޔުނައިޓެޑް ނޭޝަން އެޑިއުކޭޝަން އެންޑް ސައެންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒެޝަން (ޔުނެސްކޯ)އިން ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ރާއްޖޭގައި ޙިމާޔަތް ކޮށްފައިވަނީ ޤުދުރަތީގޮތުން ހިތްގައިމު އަދި އެތަންތަނުގެ ބޭނުން އެކި ގޮތްގޮތައް ކޮށްގެން ނަފާ ހޯދޭނޭ ތަންތަނެވެ. އޭގެސަބަބުން ފަތުރުވެރިކަމަށްވެސް އެތައް ކުރިއެރުމެއް ލިބެއެވެ.