ޚަބަރު

ސުޕަރ ކަޕްގެ ޗެމްޕިއަންކަން ޕީއެސްޖީ އަށް ހައްގެއް ނޫން!


ޔޫއެފާ ސުޕަރ ކަޕްގެ ޗެމްޕިއަންކަން ޕީއެސްޖީ އަށް ހައްގު ނޫން ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

މެޗުގެ ފަހު ވަގުތު ޖެހި ދެ ލަނޑާއެކު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން 4-3 ގެ ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން ޕީއެސްޖީ އިން ވަނީ ހޯދާފަ އެވެ.

މި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފައިވަނީ މި މެޗުގައި ފެނިގެންދިޔަ ކުޅުމަށް ބަލާއިރު ޕީއެސްޖީއަށް ޗެމްޕިއަންކަން ހައްގު ނޫން ކަމަށެވެ.

"މި މެޗުގައި ދެ ޓީމުގައި ހުރި ތަފާތު އެންމެނަށްވެސް ފެންނާނެ. ތެދަށް ބުނާކަމަށްވާނަމަ މި ތަށްޓަކީ އަހަރުމެންނަށް ހައްގު ތަށްޓެއް ނޫން." ޗެމްޕިއަންސް ލީގުވެސް ޕީއެސްޖީ އަށް ކާމިޔާބުކޮށްދިން ކޯޗު ލުއިސް އެންރީކޭ ވަނީ ބުނެފަ އެވެ.

"އަހަރުމެންނަށް ފެނިގެންދިޔަ ހަ ހަފްތާގެ ފަރިތަކުރުންތަކަށްފަހު ޓޮޓްނަމް އިން ފެނިގެންދިޔަ ތަފާތު އަދި ހަ ދުވަހުގެ ފަރިތަކުރުންތަކަށްފަހު ޕީއެސްޖީގެ ފަރާތުން ފެނުނު ކުޅުން. މެޗުގެ 80 މިނިޓު ވަންދަނެ އަހަރުމެންގެ ގޭމް ކުޅެވޭތޯ މަސައްކަތް ކުރިން" އެންރީކޭ އިތުރަށް ބުންޏެވެ.

އެންރީކޭ އިތުރަށް ބުނެފައިވަނީ އޭނާގެ ޓީމަށް ކާމިޔާބު ލިބުނު ހަމައެކަނި ސަބަބަކީ މެޗުގެ ފަހު ވަގުތާއި ހަމައަށް މޮޅުވާން ކުރި މަސައްކަތް ކަމަށެވެ.

ޓޮޓްނަމް ހޮޓްސްޕަރގެ ކޯޗު ތޯމަސް ފްރޭންކް ބުނެފައިވަނީ މި މެޗުން ބަލިވި ނަމަވެސް މި މެޗުގައި ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމާއިމެދު ފަހުރުވެރިވާ ކަމަށެވެ.

"މި މެޗުން ބަލިވިނަމަވެސް ކުޅުންތެތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމާއިމެދު ފަހުރުވެރިވަން. ދުނިޔޭގައި މިވަގުތު އޮތް އެންމެ މޮޅު އެއް ޓީމާއި ދެކޮޅަށް އެމީހުން ވަނީ މޮޅު ކުޅުމެއް ދައްކާފައި." ތޯމަސް ފްރޭންކް ބުންޏެވެ.