ފުވައްމުލަކު ސިޓީން މަސް ގަތުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން ވިދާޅުވެއްޖެއެވެ.
މިފްކޯއިން ވިދާޅުވީ، މިމަހުގެ ތެރޭގައި ފުވައްމުލަކު ސިޓީގެ ބަނދަރުން މަސް ގަތުމުގެ މަސައްކަތް ފަށައި، އެ ސަރަޙައްދުން ދާއިމީކޮށް މަސް ގަތުމުގެ އިންތިޒާމު ހަމަޖައްސަވާނެކަމަށެވެ. މީގެ އިތުރުން، މިހާރު ފުވައްމުލަކުގައި ޤާއިމުކުރަން ފަށާފައިވާ މަސް ޕްރޮސެސްކުރާ މަރުކަޒު މި އަހަރުގެ ތެރޭގައި ހިންގަން ފެށުމަށްފަހު، އެ ސިޓީގެ ރައްޔިތުންނަށް ޕްރޮސެސްކޮށްފައިވާ މަސް ގަނެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށްވެސް މިފްކޯއިން ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާއަތާއި، މަސްވެރިން ކުރަމުންދާ މަސައްކަތްތައް ފައިދާހުރި ދެމެހެއްޓެނިވި މަސައްކަތްތަކަކަށް ހެދުމުގެ އަމާޒުގައި މިފްކޯއިން ދަނީ އެކުންފުނީގެ އޮޕަރޭޝަންތައް ފުޅާކުރަމުންނެވެ. ފުވައްމުލައް ސިޓީން މިމަހުގެ ތެރޭގައި މަސްގަންނަން ފަށާއިރު، އަންނަމަހު ސީދާ އައްޑޫ ސިޓީން މަސް އެކްސްޕޯޓްކުރުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ. އަދި އައްޑޫ ސިޓީގައި މަހަށް ވެލިޔުއެޑް ކުރުމުގެ މަސައްކަތްތައްވެސް މި އަހަރުގެ ތެރޭގައި ފެށުމުގެ މަރުހަލާތައް ކުރިޔަށްދާކަމަށްވެސް މިފްކޯއިން ވަނީ ވިދާޅުވެފައެވެ.
މިފްކޯގެ ސެންޓަރުތަކުގެ ޙާލަތު ރަނގަޅު ކުރުމާއެކު ޕްރޮސެސިންގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސްގަތުމުގެ ޙާލަތު ރަނގަޅުކުރުމަށް އެތަނުގެ ބަނދަރުމަތީގެ މަގުތައް މަރާމާތުކޮށް، ލޯކަލް ޕްރޮޑަކްޝަން ފެކްޓަރީ އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ރާވާފައިވެއެވެ. މީގެ އިތުރުން، ފެލިވަރު ކޭނަރީގެ އަވަސް މަރާމާތާއި މެއިންޓަނަންސްގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. އަދި ގދ. ތިނަދޫގައި ޤާއިމުކުރަމުންދާ މަސްގަންނަ މަރުކަޒު 2026 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވައި، އޮޕަރޭޝަނަށް ގެނައުމަށާއި، އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި މިފްކޯއަށް ގަތުމުގެ ތައްޔާރީތައްވެސް މިއަހަރުތެރޭ ފަށަން ތައްޔާރުވަމުން އަންނަކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.