ޚަބަރު

ސަރުކާރުން އެޅުއްވި ފިޔަވަޅުތަކާއެކު ބޭނުންކުރެވޭ ރިޒާވަށް 10 މިލިޔަން ޑޮލަރުގެ ކުރިއެރުމެއް


  • ޖުލައި މަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވުގައި ހުރީ 213 މިލިޔަން ޑޮލަރު

  • ޖޫން މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 203 މިލިޔަން ޑޮލަރު

މިދިޔަމަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވަށް 10 މިލިޔަން ޑޮލަރުގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ރަސްމީ ރިޒާވަކީ ކްރެޑިޓް ރޭޓިންގ އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ކަނޑައެޅުމުގައި ބަލާ މުހިންމު މިންގަނޑަކަށްވާއިރު، ރާއްޖޭގެ ރިޒާވް އެކަށީގެންވާ މިންވަރެއްގައި ހިފަހައްޓަން ޖެހޭކަމަށް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ. އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ދައްކާގޮތުން، ބޭނުން ކުރެވޭ ރިޒާވް ޖުލައިމަހުގެ ނިޔަލަށް ވަނީ 213.22 މިލިޔަން ޑޮލަރަށް އަރާފައެވެ. މިދިޔަ ޖޫން މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 203 މިލިޔަން ޑޮލަރެވެ. މިއީ 5 އިންސައްތައިގެ ކުރިއެރުމެކެވެ. ބޭނުން ކުރެވޭ ރިޒާވަކީ ވަގުތުން ކުރަން ޖެހޭ ޚަރަދުތަކަށް ބޭނުން ކުރުމަށް ރިޒާވުގައި ހުންނަ އަދަދެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރަސްމީ ރިޒާވް ވަނީ ޖޫންމަހާއި އަޅާބަލާއިރު ޖުލައި މަހު ދަށްވެފައެވެ. ޖުލައިމަހު ރަސްމީ ރިޒާވުގައި ހުރީ 774.52 މިލިޔަ ޑޮލަރެވެ. އޭގެ ކުރީ މަހު ރަސްމީ ރިޒާވުގައި 832.4 މިލިޔަން ޑޮލަރު ހުރިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ 6 އިންސައްތައިގެ ދަށްވުމެއްކަމަށް ތަފާސްހިސާބުތައް ދައްކައެވެ. މީގެ އިތުރުން ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު މިމުއްދަތުގައި ވަނީ ދަށްވެފައެވެ. ޖުލައި މަހު މިއަދަދު 688.24 މިލިޔަން ޑޮލަރުގައި މިއަދަދު ހުރިއިރު، ޖޫން މަހު މިއަދަދު ހުރީ 774.5 މިލިޔަން ޑޮލަރުގައެވެ.

ރާއްޖޭގެ ރިޒާވު ޚަރުދަނާކޮށް ރިޒާވުގައި ހުރި މިންވަރު އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ކޮށްފައެވެ. ކޯވިޑަށް ފަހު ރިޒާވް ދަށްވެގެން ދިޔައިރު، ފާއިތުވި އަހަރުތަކުގެ ތެރޭގައި ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި އިތުރުވެ މިދިޔަ ދެތިން އަހަރު ތެރޭގައި ސަރުކާރަށް ބޭރުން އެހީ ހޯދުމަށް ދަތިވިކަމަށްވެސް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ. މިކަން ހައްލު ކުރުމަށް ރިޒާވް އިތުރު ކުރުމަށް ވަނީ މަސައްކަތް ފަށާފައެވެ.

މިގޮތުން ބޭރުފައިސާގެ އައު ޤާނޫނު ދަށުން ބޭންކުތަކަށް ލިބޭ ޑޮލަރުގެ ތެރެއިން 60 އިންސައްތަ ރިޒާވް ހަރުދަނާ ކުރުމަށް އެމްއެމްއޭއިން ދަނީ ބޭނުންކުރުމުންނެވެ. މީގެ އިތުރުން މިއަހަރު ފަތުރުވެރިކަމުން ލިބޭ ބޭރުފައިސާގެ އާމްދަނީ މިއަހަރު އިތުރުވެފައިވާޢިރު، ސާރކް ފްރޭމްވޯރކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑީއާއެކު ސޮއިކޮށްފައިވާ ކަރަންސީ 400 މިލިޔަން ޑޮލަރު ކަރަންސީ ސްވޮޕަކީވެސް ރިޒާވް މިއަހަރު ތެރޭގައި ރިޒާވަށް ހެޔޮ ބަދަލެއް އައި ސަބަބެއްކަމަށް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ. މި ސްވޮޕް އެއްކޮށް ބޭނުން ކުރާނެ ކަމަށް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.

ރަސްމީ ރިޒާވަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ރާއްޖެއިން އެންމެ ބޮޑު އަދަދަކަށް ދަރަނި ދައްކަން ޖެހެނީ މިއަހަރު އަދި އަންނަ އަހަރެވެ. އަންނަ އަހަރު 1 ބިލިޔަން ޑޮލަރަށްވުރެ ގިނަ އަދަދެއް ދައްކަންޖެހޭއިރު ރިޒާވް ހަރުދަނާވުމަކީ މިކަމަށް މުހިންމު ކަމެއްގެ ގޮތުގައި އެމްއެމްއޭއިން ފާހަގަކުރެއެވެ.