ޚަބަރު

ބ. ހިތާދޫ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި


  • 15 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައި

  • ހިއްކާ ބިމުގެ ވަށައިގެން 691 މީޓަރުގެ ރިވެޓްމަންޓް ޖަހާނެ

ބ. ހިތާދޫ ބިންހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިތާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ.

ހިތާދޫ ބިންހިއްކުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއެވެ.

މި މަޝްރޫޢުގެ ދަށުން މިރަށުގައި 15 ހެކްޓަރުގެ ބިންހިއްކައި، ހިއްކާ ބިމުގެ ވަށައިގެން 691 މީޓަރުގެ ރިވެޓްމަންޓް އަދި 25 މީޓަރުގެ 6 ފައިކަށި ލުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 137 މިލިޔަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމާގޮތަށެވެ.

މި މަޝްރޫޢު ނިމިގެން ދިއުމުން ބ. ހިތާދޫގެ ބިމުގެ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެން ދާނެއެވެ.