ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ 3 ވަނަ ޕްރޮގުރާމު ފުރިހަމަކުރި 269 ޒުވާން ޚަޠީބުންނަށް ސަނަދު ހަވާލުކޮށްފިއެވެ.
މި ތަމްރީން ޕްރޮގުރާމު ފުރިހަމަކޮށް ސަނަދު ޚާސިލްކުރި ޚަޠީބުންނަށް ސަނަދު ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޚަޠީބުންނަށް ސަނަދު ހަވާލުކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދުއާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ.
ޒުވާން ޚަތީބުން ތަމްރީން ކުރުމުގެ 3 ވަނަ ބުރުގައި ސަނަދު ހާސިލްކުރި 269 ޚަތީބުންނާއެކު ޒުވާން ޚަަޠީބުން ތަމްރީން ޕްރޮގުރާމު ފުރިހަމަކުރި ޚަޠީބުންގެ އަދަދު ވަނީ 503އަށް އަރާފައެވެ. އެގޮތުން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ފުރަތަމަ ބުރުގައި 65 ޚަޠީބުން އަދި ދެވަނަ ބުރުގައި 169 ޚަޠީބުން ވަނީ ސަނަދު ހާސިލްކޮށްފައެވެ. އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީން ކުރުމެވެ.
ޒުވާން ޚަތީބުންނަށް ސަނަދު ދިނުމަށް ބޭއްވި ރަސްމިއްޔަތުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މި ޕްރޮގްރާމަށް އެކި ރަށްރަށުން ބޮޑު ތަރުޚީބެއް ލިބެމުން އަންނަކަމަށެވެ. ވަޒީރު ވަނީ ޚަތީބު ކަމުގެ ސަނަދު ހާސިލްކޮށްގެ ޒުވާން ޚަތީބުން ރަށްރަށަށް ދިއުމުން ކިޔާ ހޫނު މަރުޙަބާއިން އިނގެނީ ރަށްރަށުން އެކަމަށް ބޭނުން ޖެހިފައިވާކަންކަމަށެވެ.
" ތިކުދިން މިމަގުން ކުރިއަށް ދިއުމަށް ހިތްވަރު ދެން. ތިކުދިން ހޯދި ފުރުޞަތު އެހެން ކުދިންނަށް ހޯދަދިނުމަށް މަސައްކަތް ކުރަންޖެހޭނެ. ވީހަވެސް ގިނަކުދިން މިަކމަުގެ ތެރެއަށް ގެނެވޭތޯ މަސައްކަތް ކުރަންވާނެ." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒިރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމަކީ ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި ޒުވާން ކުދިންނަށް މި ފުރުސަތު ފަހިކޮށްދިނުމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮގުރާމެވެ.