ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފެހެންދޫއަށް ވަޑައިގެންފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅަށް ކުރައްވާ ދަތުފުޅުގައި ވަޑައިގެންނެވި 7 ވަނަ ރަށެވެ.
ބ. ފެހެންދޫއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުންވަނީ އެމަނިކުފާނަށް ހޫނު މަރުޙާބާއެއް ދަންނަވާފައެވެ.
ފެހެންދޫއަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެރަށުގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫއުތަކެއް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ރައީސްގެ މިދަތުރުފުޅުގައި ގޮއިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާއެޅުމާއި، ގޮއިދޫގައި ބޭންކް އޮފް މޯލްޑިވްސްއިން ތަރައްޤީކޮށްފައިވާ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިމަހުގެ 11އިން 14އަށް ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ރައީސް ވަޑައިގަންނަވާނެއެވެ. އެއީ ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހެވެ.
ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވައެވެ.
އަތޮޅުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރަމުން ގެންދަވާ ދަތުރުފުޅަކީ، ރައްޔިތުންގެ ގާތަށް ވަޑައިގެން ޙާލަތު ބެއްލެވުމަށް ކުރައްވަމުންދާ ދަތުރުފުޅެކެވެ. އަދި ކައުންސިލްތަކާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ހޯދުމަކީވެސް މިދަތުރުފުޅުތަކުގެ މަޤްސަދެކެވެ.