ޚަބަރު

އޭދަފުށީގައި އިމިގްރޭޝަން އޮފީސް ހުޅުއްވައިދެއްވާ ފުރަތަމަ ޕާސްޕޯޓު ހަވާލުކުރައްވައިފި


  • އިމިގްރޭޝަން އޮފީސް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ

  • ފުރަތަމަ ޕާސްޕޯޓު ހަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު

  • ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް މުޅި ރާއްޖޭގައި ފުޅާކުރުމަކީ ސަރުކާރުގެ ސިޔާސަތެއް

ބ.އޭދަފުށީގައި އިމިގްރޭޝަންގެ އޮފީސް ހުޅުއްވައިދެއްވައިފިއެވެ. މި އޮފީސް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ. މިސިޔާސަތުގެ ދަށުން މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި އައިޑީކާޑު އަދި ޕާސްޕޯޓުގެ ޚިދުމަތް މިއަހަރު ނިމުމުގެ ކުރިން ފެއްޓެވުމަކީ ސަރުކާރުގެ އަމާޒެކެވެ.

މިސިޔާސަތުގެ ދަށުން ބ.އޭދަފުށީގައި ގާއިމްކުރި އިމިގްރޭޝަންގެ އޮފީސް ރަސްމީކޮށް ހުޅުވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ. އަދި މިއޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައިވަނީ އޭދަފުށީގައި ފުރަތަމަ ޕާސްޕޯޓު ހެއްދި ފަރާތަށް ޕާސްޕޯޓު ޙަވާލުކުރައްވާފައެވެ. މިރަސްމިއްޔާތުގައި އޭދަފުށީގައި ޕާސްޕޯޓު ޚިދުމަތް ހޯދި ފުރަތަމަ ފަރާތާއި ޕާސްޕޯޓު ޙަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މިޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 11 އަތޮޅެއްގައި ޚިދުމަތްވަނީ ފަށާފައެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޕާސްޕޯޓާއި އައިޑީކާޑު ހެއްދުމުގެ ޚިދުމަތް ދެމުން އަންނައިރު މެލޭޝިއާގައިވެސް ދިވެހިރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހެދުމުގެ ޚިދުމަތްވަނީ ފަށާފައެވެ. މިއީ ބޭރު ޤައުމެއްގައި މި ޚިދުމަތް ފެށި ފުރަތަމަ ޤައުމެވެ.