ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ރޮކެޓު ޙަމަލާއެއް ދީފިއެވެ.
ޔަހޫދީންނަށް އަމާޒުކޮށް ޙަމާސުން ރޮކެޓު ޙަމަލާއެއް ދީފައި މި ވަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި 61،000އަށްވުރެ މީހުން ޝަހީދުކޮށްލާފައި ވަނިކޮށެވެ.
ޔަހޫދީން ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ދަތިކޮށްފައިވާއިރު، ޣައްޒާގެ ރައްޔިތުން ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަން ތަހައްމަލް ކުރަމުންނެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި މިހާތަނަށް 200އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 100އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.
ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީން ޣައްޒާގެ 39 ރައްޔިތުން ޝަހީދުކޮށްލާފައިވެއެވެ. ޔަހޫދީން ދަނީ ބަނޑަށްޖެހި ގޮތް ހުސްވެފައިވާ ޣައްޒާގެ ރައްޔިތުން އެހީގެ ސާމާނު ބަހާ މަރުކަޒުތަކަށް ދިޔުމުން އެ ސަރަޙައްދުތަކުން ވެސް އެ މީހުންނަށް ޙަމަލާދީ ޝަހީދު ކުރަމުންނެވެ. ޔަހޫދީންނާއި އެމެރިކާއާ ގުޅުންހުރި ޣައްޒާ ހިޔުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) މެދިވެރިކޮށް މިދިޔަ މެެއި މަހުގެ ފަހުކޮޅު ޣައްޒާގައި އެހީ ބަހަން ފެށި ފަހުން، އެހީ ބަހައި މަރުކަޒުތައް ކައިރިން މިހާތަނަށް 1،373 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޝަހީދުކޮށްލި މީހުންގެ ތެރޭގައި ވެސް އެހީ ބަހާ މަރުކަޒުތަކުން ތަކެތި ހޯދުމަށް މަސައްކަތް ކުރަމުންދިޔަ 21 މީހުން ހިމެނެއެވެ.