އަންހެނުންގެ 10000 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު ބާރު ދުވުންތެރިޔާ ޝަމްހާ އަހުމަދު މުގުރާލައިފިއެވެ.
ޝަމްހާ މި ރިކޯޑް ހަދާފައިވަނީ ޖަރުމަނުވިލާތުގެ ހެމަބާގުގައި އޮތް ނައިޓް އޮފް ދަ ޓެންސް 2025 މެރަތަންގައި ވާދަކޮށް 40:41.83 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އަންހެނުންގެ 10000 މީޓަރު ދުވުމުގެ ގައުމީ ރިކޯޑް މީގެ ކުރިން އޮތީ މަރިޔަމް އަބްދުލް ކަރީމްގެ އަތުގައެވެ. އޭނާ އެ ރިކޯޑް ގާއިމްކުރީ 2019 ވަނަ އަހަރު ސައުތު އޭޝިއަން ގޭމްސްގައި 42:08.62 ން ރޭސް ނިންމައިގެންނެވެ.
އަންހެނުންގެ 5000 މީޓަރު ދުވުމުގެ ގައުމީ ރިކޯޑުވެސް އޮންނަނީ ޝަމްހާ އަތުގައެވެ. ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ދުވުންތެރިޔާ ޝަމްހާ 5000 މީޓަރުގެ ރިކޯޑް ގާއިމް ކުރީ ޖަރުމަންގެ ވަސެންބަގްގައި ކުރިޔަށްދިޔަ ލޯންގް ޑިސްޓެންސް ޗެމްޕިއަންޝިޕުގައި ލޯ މެޑަލް ހޯދާ 19 މިނެޓު 41.86 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ޖަރުމަނުގައި ދުވުމުގެ ތަމްރީނުތައް ހަދަމުން އަންނަ ޝަމްހާ ވަނީ ތުރުކީވިލާތުގެ އަންތާލިޔާގައި މިދިޔަ އަހަރު އޭޕްރީލް މަހު ބޭއްވި އެ ސަރަހައްދުގެ އެންމެ ބޮޑު މެރަތަން ކަމަށްވާ ރަންތާލިޔާގެ އަންހެނުންގެ ރޭހުން ދެވަނަ ހޯދާފައެވެ.