ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ކްރިސްޓަލް ޕެލަސް އަށް ޔޫރޮޕާ ލީގުން ފުރުސަތު ނުދީ ބޭރު ކޮށްލުމަކީ ދިން އަދަބެއް ކަމަށް އެ ޓީމުގެ ކޯޗު އޮލިވަރ ގްލޭސްނަރ ބުނެފި އެވެ.
އިނގިރޭސިވިލާތުގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅެވޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި ލިވަޕޫލް އާއި ދެކޮޅަށް މިއަދު ކުރޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ގްލޭސްނަރ ބުނެފައިވަނީ ގޯހުން ކަމެއް ނުކުރަނީސް މިފަދަ ކަމެއް ކުރުމުން އެއީ އަދަބެއް ނޫން ކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށެވެ.
"ކްރިސްޓަލް ޕެލަސްގެ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން މިއީ. އެފްއޭ ކަޕްގެ ޗެމްޕިއަން ޓީމަށް ޔޫރޮޕާ ލީގުން ފުރުސަތު ލިބެންޖެހޭއިރު އެ ފުރުސަތު ނުދީ އެއަށްވުރެ ދަށް ލީގަކަށް ބަދަލު ކުރުމަކީ ދިން އަދަބެއް." ގްލޭސްނަރ ބުންޏެވެ.
ޔޫއެފާ އިން ޕެލަސް އަށް ޔޫރޮޕާ ލީގުގެ ޖާގަ ނުދޭން ނިންމާފައިވަނީ އެ އިދާރާގެ މަލްޓި ކްލަބް އޯނާޝިޕަށް ހަދާފައިވާ ގަވާއިދުގެ ދަށުން އެ ގަވާއިދަށް ކްރިސްޓަލް ޕެލަސް ނުފެތޭތީ އެވެ.
ޔޫއެފާގެ ގަވާއިދުގައިވާ ގޮތުން އެއް ކުންފުނިން ހިންގާ ދެ ކްލަބަކަށް ޔޫއެފާގެ އެއް މުބާރާތެއްގައި ވާދަ ނުކުރެވޭނެ އެވެ. މި ގަވާއިދުގެ ދަށުން ޕެލަސް ބޭރުކޮށްފައިވަނީ އެ ކްލަބް ހިންގާ ކުންފުނީގެ އިތުރުން ފްރާންސްގެ ލިއޯން ހިންގާ ކުންފުނީގެވެސް ހިއްސާދާރެއްގެ ގޮތުގައި ޖޯން ޓެކްސްޓާ ހުރުމުންނެވެ.
ނަމަވެސް ޓެކްސްޓާ ވަނީ ދާދި ފަހުން ލިއޯންގެ ބޯޑުން އިސްތިއުފާ ދީފަ އެވެ. އަދި ކުރިންވެސް އޭނާ ބުނެފައިވަނީ ޕެލަސްގައި އޭނާގެ ހިއްސާ އޮތް ނަމަވެސް އޭނާ އަކީ އެއްވެސް ކަމެއް ނިންމުމުގެ ބާރެއް އޮތް މީހެއް ނޫން ކަމަށެވެ.
ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނުން މީގެ ކުރިން ލިއޯން ރެލިގޭޓް ކުރަން ނިންމި ނަމަވެސް އެ މައްސަލަ އެޕީލްކުރުމުން ލިއޯން އާއި އެއްކޮޅަށް ނިމިފައިވާތީ ލިއޯން ކުރިއަށް އޮތް ސީޒަނުގައިވެސް ފްރެންޗް ލީގު ވަންގައި ވާދަކުރާނެ އެވެ.
ޕެލަސް އަށް ޔޫރޮޕާ ލީގުގެ ފުރުސަތު ނުދީ އެ ޖާގަ ދީފައިވަނީ ހަތްވަނައިގައި މިދިޔަ ސީޒަން ނިންމާލި ނޮޓިންހަމް ފޮރެސްޓަށެވެ.
ގްލޭސްނަރ އިތުރަށް ބުނެފައިވަނީ މި މައްސަލަ ކުޅިވަރުގެ އެންމެ މަތީ ކޯޓު ކަމުގައިވާ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ހުށައަޅާފައިވާއިރު މި ކަމުގައި ރަގަޅު ނިންމުމަކަށް އުންމީދު ކުރާ ކަމަށާއި ޔޫރޮޕާ ލީގުގެ ފުރުސަތު ލިބޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.
ގްލޭސްނަރ ވަނީ ޕެޕް ގަޑިއޯލާގެ މެންޗެސްޓަރ ސިޓީ ބަލިކުރުމަށްފަހު ފުރަތަމަ ފަހަރަށް ކްރިސްޓަލް ޕެލަސް އަށް ބޮޑު މުބާރާތެއް ކާމިޔާބުކޮށްދީފަ އެވެ.