ލުބުނާނުގެ ހަތިޔާރު ގުދަނެއް ބަލައި ފާސްކޮށް އެ ގުދަނުގައި ހުރި ހަތިޔާރު ރައްކާތެރިކަމާއެކު ރޫޅައިލަމުގެ މަސައްކަތް ކުރިއަށް ގެންދަނިކޮށް ބޮޑު ގޮވުމެއް ގޮވައި، އެ ޤައުމުގެ ހަ ސިފައިން މަރުވެއްޖެއެވެ.
ލުބުނާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި އެ ޤައުމުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޞޫރުގައި ގޮވުން ގޮވުމަށް މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ބައެއް ސަލާމަތީ މަސްދަރުތަކުން ބުނީ ގޮވުން މެދުވެރިވީ ޔަހޫދީންނާއި ލުބުނާނުގެ ޙިޒްބުاللهއާ ދެމެދު ޞޫރުގައި ކުރި ހަނގުރާމައިގައި ބޭނުންކޮށްފައި ހުރި ހަތިޔާރުތަކެއްގެ ސަބަބުން ކަމަށެވެ.
މިދިޔަ އަހަރުގެ ތެރޭގައި ޔަހޫދީން ވަނީ ޙިޒްބުاللهއަށް އަމާޒުކޮށް ލުބުނާނަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެއީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ދޭން ފެށި ޢުދުވާނީ ޙަމަލާތަކުގެ ސަބަބުން ޙިޒްބުاللهއިން ޣައްޒާއަށް ވާގިވެރިވުމުގެ ގޮތުން ސަރަޙައްދީ ރޮނގު ކައިރީގައިވާ ޔަހޫދީ އަސްކަރީ މަޤާމުތަކަށް ޙަމަލާދޭން ފެށުމުންނެވެ.
2024ވަނަ އަހަރުގެ ނޮވެމްަބަރު މަހުގެ ތެރޭގައި އެމެރިކާގެ އެހީތެރިކަމާއެކު ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް ވަނީ ޤާއިމުކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ލުބުނާނުގެ އަސްކަރިއްޔާ ނޫން އެެހެން ޖަމާޢަތްތަކުން ގެންގުޅޭ ހަތިޔާރުތައް އަތުލަން ޖެހެއެވެ. އޭގެ ބަދަލުގައި ޔަހޫދީން ލުބުނާނަށް ޙަމަލާ ދިނުން ހުއްޓައިލުމަށް އެއްބަސްވުމުގައި ޝަރުތުކޮށްފައިވެއެވެ.