ޗެލްސީގެ ފޯވަޑް ނިކޮލަސް ޖެކްސަން އެ ކްލަބު ދޫކޮށްދާން ޗެލްސީ އިން އެއްބަސްވެއްޖެ އެވެ.
އުމުރުން 24 އަހަރުގެ ނިކޮލަސް ޖެކްސަން ހޯދުމަށް ޕްރިމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑް އިން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު މިދިޔަ ހުކުރު ދުވަހު އޭނާ ފަރިތަކޮށްފައިވަނީ ޓީމާއި ވަކިންނެވެ.
ނިއުކާސަލް ޔުނައިޓެޑް އިން އިތުރު ފޯވަޑެއް ހޯދުމުގެ މަސައްކަތް ކުރަމުންދަނީ ބެންޖަމިން ސެސްކޯ ހޯދުމަށް އެ ކްލަބުން ކުރި މަސައްކަތް ނާކާމިޔާބުވުމުގެ އިތުރުން އެ ކްލަބުގެ ފޯވަޑް އެލެކްޒެންޑަރ އިސާކް ހޯދުމަށް ލިވަޕޫލް އިން ކުރަމުންދާ މަސައްކަތާއިއެކު އެ ކްލަބާއި ކުޅުންތެރިޔާ އާއި ދެމެދު ޖެހިފައިވާ މައްސަލަތަކުގެ ސަބަބުންނެވެ.
ނިކޮލަސް ޖެކްސަން ދޫކޮށްލުމަށް ޗެލްސީން ނިންމާފައިވާއިރު މިހާރު ކުރިއަށްދާ ޓްރާންސްފަރ ބާޒާރުގައި ޗެލްސީ އިން ވަނީ އެ ކްލަބަށް ދެ ފޯވަޑުން ގެނެސްފަ އެވެ. އެއީ ޖޮއާއޯ ޕެޑްރޯގެ އިތުރުން ލިއާމް ޑެލަޕް އެވެ.
2023 ވަނަ އަހަރު ސްޕެއިންގެ ވިޔަރެއާލް އިން 32 މިލިއަން ޕައުންޑަށް އެ ކްލަބަށް ގެނައި ނިކޮލަސް ޖެކްސަން ވިއްކާލުމަށް އެ ކްލަބުން ނިންމާފައިވަނީ އެ އަގުގެ ދެ ގުނަ ބޮޑު އަދަދަކަށް ކަމަށް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ. އަދި އާސެނަލް އިން ނޮނީ މަޑުއެކޭ ހޯދުމަށް 52 މިލިއަން ޕައުންޑް ދިން އިރު މިދިޔަ ސީޒަނުގައި ޖެކްސަން ދެއްކި ކުޅުމަށް ބަލާއިރު އެ އަގަށްވުރެ އޭނާގެ ފީ ބޮޑުވާނެ އެވެ.
މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ޖެކްސަން ހޯދުމަށް ލިބޭ ހުށައެޅުންތައް ޗެލްސީން ބޭނުންވާ އަގަށްވުރެ ކުޑަ ނަމަ އޭނާ އަލުން ޓީމުގައި ހިމަނާނެ އެވެ.
ޖެކްސަން ވަނީ މިދިޔަ ސީޒަނުގައި 30 ލަނޑު އެ ކްލަބަށް ކާމިޔާބުކޮށްދީފަ އެވެ. އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު އޭނާ ވަނީ އެ ކްލަބާއިއެކު 9 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށް 2033 ވަނަ އަހަރާއި ހަމައަށް ޗެލްސީގައި މަޑު ކުރުމަށް ނިންމާފަ އެވެ.