އަފްޣާނިސްތާނުން ޕާކިސްތާނަށް އެތެރެވާން މަސައްކަތްކުރި 33 ހަތިޔާރުއެޅި ހަނގުރާމަވެރިން ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން މަރާލަލައިފިއެެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އެ ޤައުމުގެ ހުޅަނގު ދެކުނު ސަރަޙައްދެއް ކަމަށްވާ ބަލޮޗިސްތާނު ޕްރޮވިންސުގެ ޒޮބް ޑިސްޓްރިކްޓުގައި އަސްކަރީ ޙަރަކާތެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެ ޙަރަކާތުގެ ތެރެއިން ޚަވާރިޖުން ނުވަތަ ޕާކިސްތާނުގެ ޠާލިބާނުން ފެނިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެ މީހުންނަށް ޙަމަލާދީ މިހާރު މަރާލައިފާ ވާއިރު، އެ ސަރަޙައްދުގައި އިތުރު ހަނގުރާމަވެރިން ތިބެދާނެ ކަމަށް ބަލައި އެ މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ބަޔާނުގައި އަސްކަރިއްޔާއިން ބުނެފައިވެއެވެ.
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު އޮންނަ ސަރަޙައްދީ ރޮނގު ކައިރީގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިން ހުއްޓުވުމަށް އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރުން އެދެވޭ މަސައްކަތެއް ނުކުރާ ކަމަށް ޕާކިސްތާނުން އަބަދު ވެސް ތުހުމަތުކުރެއެވެ. ނަމަވެސް އަފްޣާނިސްތާނުން އެ ތުހުމަތުތައް ދޮގުކުރެއެވެ.
ޕާކިސްތާނުން ބުނީ އަސްކަރީ ޙަރަކާތުގައި މަރައިލި ހަނގުރާމަވެރިންނާއި އިންޑިޔާއާ ގުޅުމެއްވާ ކަމަށެވެ. ނަމަވެސް އެ ތުހުމަތަށް ބާރުދޭ އެއްވެސް ހެއްކެއް ދައްކާފައެއް ނުވެއެވެ. ޕާކިސްތާނު ޠާލިބާނާއި ޕާކިސްތާނުގައި ޙަރަކާތްތެރިވާ އެހެނިހެން ވަކިވެގަނެފައިވާ ހަތިޔާރުއެޅި ޖަމާޢަތްތަކަށް އިންޑިޔާއިން ވާގިވެރިވާ ކަމަށް ވެސް ޕާކިސްތާނުން އަބަދު ވެސް ތުހުމަތުކުރެއެވެ. އެންމެ ފަހުގެ ތުހުމަތުތަކާ ގުޅިގެން އިންޑިޔާއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒުް ޝަރީފް ނެރުއްވި ބަޔާނެއްގައި ވަނީ ކާމިޔާބު އަސްކަރީ ޙަރަކާތެއް ކުރިއަށް ގެންދިޔައީތީ ޕާކިސްތާނުގެ ސަލާމަތީ ބާރުތަކަށް މަރުޙަބާ ކިޔުއްވައިފައެވެ.
ބަލޮޗިސްތާނަކީ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާޢަތްތަކުން ޙަރަކާތްތެރިވާ ހަލަބޮލި ސަރަޙައްދެކެވެ. އެ ސަރަޙައްދުގައި ޕާކިސްތާން ޠާލިބާނާއި މަނާކޮށްފައިވާ ބަލުޗް ލިބަރޭޝަން އާމީއިން ވެސް ޙަރަކާތްތެރިވެއެވެ. ވަކިވެގަނެފައިވާ ޖަމާޢަތްތަކުން ބޭނުންވަނީ ޕާކިސްތާނުގެ މައި ސަރުކާރާ ވަކިވާށެވެ. އެ ސަރަޙައްދުގައި ދޭ ޙަމަލާތަކާއި ހިނގަމުންދާ ހަމަނުޖެހުންތައް ބޮޑުތަކުނުން ހުއްޓުވާފައިވާ ކަމަށް ޕާކިސްތާނުގެ ސަރުކާރުން ބުނި ނަމަވެސް، އެ ސަރަަޙައްދުގައި ޙަމަލާތަކާއި ލޭއޮހޮރުވުންތަައް އަދިވެސް ހިނގައެވެ.