ޚަބަރު

ލަބެރަ ބޮޑީބޯޑިން ޗެލެންޖު: މެންސް އޯޕަން ޗެމްޕިއަންކަން އާމިންއަށް


ލަބެރަ ބޮޑީބޯޑިން ޗެލެންޖް 2025 ގެ މެންސް އޯޕަން ކެޓެގަރީގެ ޗެމްޕިއަންކަން މާލެ ސިޓީގެ އާމިން އުމަރު މޫސާ ހޯދައިފިއެވެ.

އާމިން އަކީ ލީގުގެ ފުރަތަމަ މުބާރާތް، ބުރުނު ޝިކާރުގެ މެންސް އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަންވެސް ހޯދި އެތުލީޓެވެ.

ހުކުރުދުވަހު ނިމިގެންދިޔަ ގައުމީ ބޮޑީ ބޯޑިން ލީގުގެ ދެވަނަ މުބާރާތް، ލަބެރަ ބޮޑީބޯޑިން ޗެލެންޖްގެ އެއްވަނަ އާމިން ހޯދީ އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ބަލިކޮށްގެންނެެވެ.

މެންސް އޯޕަން ކެޓަގަރީ އާމިން ކާމިޔާބުކުރީ ފައިނަލްގައި 13.17 ގެ ސްކޯއަކާއި އެކުގައެވެ. މި ކެޓަގަރީގެ ދެވަނަ ހޯދި އަލީ ހުޝްރުވާނަށް ލިބުނީ 8.60 ގެ ސްކޯއަކުންނެވެ. ތިންވަނައަށް ދިޔައީ އިޔަން އަހުމަދު އަދި ފުވައްމުލައް ސިޓީގެ މުހައްމަދު އަޒާން އަހުމަދެވެ.

މި މުބާރާތުގެ ޑްރޮޕްނީ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އަލީ ހުސްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ. ބުރުނު ޝިކާރު މުބާރާތުގެ ޑްރޮޕްނީ ކެޓަގަރީގެ ޗެމްޕިއަން، އަލީ ހުޝްރުވާން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އާމިން އުމަރު މޫސާ އާއި ވާދަކޮށް 9.50 ގެ ސްކޯއަކުންނެވެ.

ދެވަނަ ހޯދި އަޒާނަށް ލިބުނީ 6.16 ޕޮއިންޓެވެ. މި ކެޓަގަރީގެ ތިންވަނަ ހޯދީ އެއްވަރަކަށް ސްކޯ ކުރި ނޫހު މުހައްމަދު ދުނެއިމް އިރުޝާދު އަދި މުހައްމަދު އަޒާން އަހުމަދެވެ.

މި މުބާރާތުގެ ޖޫނިއާ މެންސް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ފުވައްމުލައް ސިޓީގެ މުހައްމަދު އަޒާން އަހުމަދެވެ. އަޒާން މި ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އިޔަން އާއި ވާދަކޮށް 13.17 ގެ ސްކޯއަކުންނެވެ.

ދެވަނަ ހޯދީ އިޔަން އަހުމަދަށް ލިބުނީ 6.33 ޕޮއިންޓެވެ. ތިންވަނަ ހޯދީ ނޫހު މުހައްމަދު ދުނެއިމް އިރުޝާދާއި ނ. ޅޮހިން މި މުބާރާތުގައި މުޅިން އަލަށް ބައިވެރިވި ހަސަން ނަދީހްއެވެ.

އޮގަސްޓް 5-8 ނިޔަލަށް މާލޭ ވަރުނުލާ ރާޅުގަނޑުގައި ކުރިޔަށް ގެންދިޔަ ލަބެރަ ބޮޑީބޯޑިން ޗެލެންޖަށް ފަހު ގައުމީ ލީގުގައި ދެން އޮންނާނީ ބޮޑީ ބޯޑިންގެ ގައުމީ މުބާރާތެވެ. މި މުބާރާތް އޮންނާނީ ސެޕްޓެމްބަރުގައެވެ.