ޚަބަރު

ފަލަސްޠީން ބަލައިގަތުމުގެ ވިސްނުމެއް ނެދަރލެންޑްސުން ނުގެންގުޅޭ


ފަލަސްޠީނަކީ މިިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުގެ ވިސްނުމެއް މި ވަގުތު ނުގެންގުޅޭކަމަށް ނެދަރލެންޑްސުން ބުނެފިއެވެ.

ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ޤަތުލުއާއްމާ ދެކޮޅަށް މުޅި ދުނިޔެ ތެދުވަމުންދާއިރު، ވިލާތިގެ ޤައުމުތަކުގެ އިއްތިހާދު، އީޔޫގެ ބައެއް ޤައުމުތަކުން ވެސް ދަނީ ވިސްނުން ބަދަލުކޮށް، ފަލަސްޠީނުގެ ދަޢުލަތް ބަލައިގަންނާނެކަމަށް ބުނަމުންނެވެ.

މިގޮތުން، އަންނަ ސެޕްޓެމްބަރު މަހު އޮންނަ އދ.ގެ އާންމު މަޖިލީހުގެ ކުރިން ޣައްޒާއަށް ދެމުންދާ ޢުދުވާނުތައް ނުހުއްޓައިފިނަމަ، ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ވެސް ވަނީ ބުނެފައެވެ.

"މި ވަގުތު ފަލަސްޠީނުގެ ދަޢުލަތް ބަލައިގަންނަން ނެދަރލެންޑްސް އިން ވިސްނާފައެއް ނުވޭ،" ޣައްޒާއާ ގުޅޭ ގޮތުން ޤާނޫނުހަދާ މަޖިލީހުގައި ބޭއްވި ކުއްލި ބަހުސްގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ކަސްޕާ ވެލްޑްކަމްޕް ވިދާޅުވިއެވެ.

މީގެއިތުރުން، އިސްރާއީލުން ހަތިޔާރު އެތެރެކުރުން ހުއްޓައިލުމުގެ ވިސްނުމެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް ފިއްތުންތައް ކުރިމަތިކުރުވުމުގެ ގޮތުން، ނެދަރލެންޑްސުން ވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި، މިގޮތުން، ޔަހޫދީންގެ ހަރުކަށި ދެ ވަޒީރަކު ނެދަރލެންޑްސަށް އެތެރެވުން މަނާކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ ބަހުސް ހިނގަމުންދިޔަ ވަގުތު، ޤާނޫނު ހަދާ މަޖިލީހުގެ ބޭރުގައި 250 އަށް ވުރެ ގިނަ މީހުން އެއްވެ، އިސްރާއީލާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާއި، ޣައްޒާއަށް ދޭ ޢުދުވާނުތައް ހުއްޓުވުމަށް ގޮވާލައި މުޒާހަރާކުރަމުންދިޔަ ކަމަށް ނެދަރލެންޑްސްގެ މީޑިޔާތަކުން ބުނެފައިވެއެވެ.

ޣައްޒާއަށް ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމުގެ ޙާލަތުގެ ސަބަބުން ޔަހޫދީންނަށް މިހާރު ވެސް ދަނީ ބައިނަލްއަޤްވާމީ ފިއްތުންތައް ކުރިމަތިވަމުންނެވެ. ޔަހޫދީންނަށް އަމާޒުވަމުންދިޔަ ފާޑުކިޔުންތަކުގެ ސަބަބުން ބައެެއް ވަގުތުތަކުގައި ޣައްޒާއަށް ޙަމަލާ ދިނުން މެދުކަނޑައިލައި އެހީގެ ސާމާނު އެތެރެކުރުމަށް ފުރުޞަތު ދިނުމަށް ވަނީ މަޖުބޫރުވެފައެވެ. ޖުލައި މަހުގެ 27ވަނަ ދުވަހުން ފެށިގެން އެ ފުރުޞަތު ދޭނެ ކަމަށް ޔަހޫދީން ބުނި ނަމަވެސް ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޖަމުޢިއްޔާ، ޑަބްލިޔުއެފްޕީން ވަނީ ޣައްޒާއަށް އެހީގެ ސާމާނު އެތެރެކުރުމަށް ބޭނުންވާ ޙުއްދަތަޢް އެ ޖަމުޢިއްޔާއަށް ނުލިބޭ ކަމަށް ބުނެފައެވެ.

ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ސަބަބުން ބަނޑަށްޖެހޭ މީހުންނާއި މެލްނިއުޓްރިޝަން ޙާލަތު ކުރިމަތިވެފައިވާ މީހުންނާއި ބަނޑުހައިހޫނުކަމާ ގުޅުންހުރި އެހެނިހެން ބަލިތައް ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީ ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވަމުންދާ މީހުންގެ ޢަދަދު ވެސް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އެހީދޭ ޖަމުޢިއްޔާތަކުން ދަނީ ބުނަމުންނެވެ.

ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީންނަށް އަމާޒު ކޮށް ދިން ޖިހާދީ ޙަމަލާއަކާ ގުޅިގެން، އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު ޢަމަލު ކުރަން ފެށި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން ދުވަސްކޮޅަކަށް މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ.

ޢުދުވާން ފެށުނު ފަހުން ޣައްޒާގައި ޝަހީދުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 61،000އަށްވުރެ އިތުރުވެފައެވެ. ޙަމަލާތަކުގެ ސަބަބުން މުޅި ޣައްޒާ ވަނީ ސުންނާފަތިވެފައެވެ.