ފަލަސްޠީނުގެ ޣައްޒާ ޔަހޫދީންގެ ފުރިހަމަ އަސްކަރީ ބާރުގެ ދަށަށް ގެންގޮސްފިނަމަ ފަލަސްޠީނުގެ ރައްޔިތުން އިތުރަށް ނިކަމެތިވެ، ޤަތުލުއާއްމު އިތުރަށް ފުޅާވެގެންދާނެކަމުގެ އިންޒާރާއެކު، އެކަން ވަގުތުން ހުއްޓުވަން، އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ވެރިޔާ ގޮވާލައްވައިފިއެވެ.
އދ.ގެ އިންސާނީ ޙަޢްގުތަކާބެހޭ ވެރިޔާ، ވޯލްކަރ ޓޫކް ވިދާޅުވީ، ޔަހޫދީންގެ މި ރޭވުމަކީ، ޣާއްޒާގައި ޔަހޫދީންގެ އިސްތިޢުމާރީ ބާރު ނިމުމަކަށް ގެނެސް، ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދަޢުލަތެއް ޤާއިމުކުރުމަށް އިންޓަރނޭޝަނަލް ކޯޓް އޮޖް ޖަސްޓިސް (އައިސީޖޭ)އިން ނެރެފައިވާ އަމުރާ މުޅީން ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ޣައްޒާގައި ޔަހޫދީންގެ އަސްކަރީ ބާރު ފުޅާކޮށް، މުޅި ޣައްޒާ އަތްދަށު ކުރުމުގެ ޕްލޭނެއް، ޔަހޫދީންގެ ސަލާމަތީ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.
ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް ޔަހޫދީން ދަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދެމުންނެވެ. ޔަހޫދީން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސަމުންދާއިރު، ޔަހޫދީންގެ އަމަލުތައް ކުށްވެރިކޮށް މުޅި ދުނިޔެއިން ދަނީ ޣައްޒާގެ ޙާލަތާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މުޅި ޣައްޒާ އެއްކޮށް ޔަހޫދީންގެ ބާރުގެ ދަށަށް ގެންނަން ބޭނުންވޭތޯ، ފޮކްސް ނިއުސްއަށް ދިން ބަސްދީގަތުމެއްގައި ސުވާލުކުރުމުން ޔަހޫދީންގެ ހައްދުފަހަނައެޅި ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނީ އެއީ ޔަހޫދީންގެ މަޤްސަދު ކަމަށެވެ. ޣައްޒާ ޔަހޫދީންގެ އަސްކަރީ ބާރުގެ ދަށަށް ގެނެސް، އެ ސަހަރުގެ ހިންގުން ޢަރަބި ފައުޖަކާ ޙަވާލުކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް ޣައްޒާގެ ހިންގުމާ ގުޅޭ އިތުރު ތަފްޞީލް، އަދި އެ މަސައްކަތް ކުރުމުގައި ބައިވެރިކުރާނީ ކޮން ޢަރަބި ޤައުމުތަކެއްކަން އޭނާ ހާމައެއް ނުކުރެއެވެ.
ނަތަންޔާހޫ މިހެން ބުނެފައި މި ވަނީ ޔަހޫދީންގެ ވަޒީރުންގެ ބައިގަނޑަކާއެކު ޣައްޒާގެ ހިންގުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބޭއްވުމުގެ އިރުކޮޅެއް ކުރިންނެވެ. މި ހަފްތާގެ ތެރޭގައި ޣައްޒާއާ ގުޅޭގޮތުން ޔަހޫދީންގެ އަސްކަރީ ވެރިޔާއާއެކު ވެސް ބައްދަލުވުމެއް ބާއްވާފައިވެއެވެ. އެ ބައްދަލުވުމުގައި ޣައްޒާ ޢުދުވާން އިތުރަށް ފުޅާކުރުމަށް އަސްކަރީ ވެރިޔާ ދެކޮޅުހެދިކަމަށް ވެއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ވަނީ ޣައްޒާގައި މިހާަތަނަށް 61،000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައެވެ.