އުތީމުގައި މިއަހަރު ކުލަގަދަކޮށް ޤައުމީ ދުވަސް ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ، މިއަހަރުގެ ޖެނުއަރީމަހުގެ 28ވަނަ ދުވަހު އުތީމަށް ކުރެއްވި ދަތުރުފުޅުގައި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން އެކަމަށް ޚާއްސަ ބަޖެޓެއް ކަނޑައަޅުއްވާ، ޖުލައިމަހުގެ 5ވަނަ ދުވަހު އެކަމުގެ ޢަމަލީ މަސައްކަތްތައް ރަށުގައި ވަނީ ފަށާފައެވެ.
ޤައުމީ ދުވަހުގެ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ މަޢުލޫމާތު ޙިއްސާކުރައްވަމުން އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، މި މަސައްކަތަށް ޚާއްސަ ޓާސްކް ފޯހެއް ރަށުގައި އެކުލަވާފަވާކަމަށެވެ. މި ޓާސްކް ފޯހުގައި ހިމެނެނީ ކައުންސިލާ، ރަށުގެ މުވައްސަސާތަކާ އަދި ކްލަބް ޖަމިއްޔާތަކެވެ. މި ޓާސްކްފޯހުގެ މަސައްކަތަކީ ޤައުމީދުވަހާ ގުޅުވައިގެން ކުރިއަށްގެންދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ކަންކަމުގައި ގޮތް ނިންމުމެވެ.
ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، މިކަމަށް ބޭނުންވާ ބަޖެޓު ސަރުކާރުން ހަމަޖެއްސެވުމާގުޅިގެން، އެކަމުގެ މަޢުލޫމާތުތައް ރައްޔިތުންނާ ޙިއްސާކޮށް، މި ހުރިހާ މަސައްކަތްތައްވެސް ކުރިއަށްގެންދަނީ ރަށުގެ ހުރިހާ ރައްޔިތުން ގުޅިގެންކަމަށެވެ. އެގޮތުން ކައުންސިލުން ގޮވާލި ގޮވާލުމަށް އިޖާބަދީ، ރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުން މަސައްކަތްތަކުގައި ހަރަކާތްތެރިވަމުންދާކަމަށެވެ.
މިވަގުތު ކައުންސިލުން ކުރިއަށްދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، ރަށުގެ ބައެއް ސަރަޙައްދުތައް ޒީނަތްތެރިކުރުމަށް ހިންގާ ޕްރޮޖެކްޓްތަކެވެ. އެގޮތުން ބަނދަރުގައި ދަތުރުވެރިންނަށް ޚާއްސަކޮށް ދަތުރު ހިޔާއެއް ހެދުމާއި، ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަސައްކަތުގެ އިތުރުން ސްކޫލްގައި ބެލެނިވެރިންގެ ހިޔާއެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތްތަކުގެ އިތުރުން، ރައްޔިތުން ނިކުމުގެ ރަށުތެރެ ސާފުކުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރިއަށްގެންދަމުންނެވެ.
މީގެއިތުރުން ދިވެހި ބަހާ ސަޤާފަތާ ތަރިކައާ ބެހޭ ވުޒާރާއިންވެސް ކައުންސިލާ ގުޅިގެން ތަފާތު ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މީގެއިތުރުން ޤައުމީ ދުވަހު ބާއްވާ އެކިއެކި ހަރަކާތްތަކަށް ތައްޔާރުވުމުގެ މަސައްކަތްތައްވެސް ދަނީ ކުރިއަށްގެންދަމުންނެވެ.