ޚަބަރު

17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭ ގުރޫޕް އެފްގައި


އަންނަ އަހަރު ބާއްވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހިރާއްޖެ ގުރޫފް އެފްގައި ހިމެނިއްޖެއެވެ.

ސައުދީ އަރަބިއްޔާގައި ބާއްވާ އޭޝިއަން ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕުގެ ކޮލިފައިން މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ނޮވެމްބަރު 22-30 އަށް ތައިލޭންޑްގެ ޗޮންބުރީއެވެ. ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕުގައި ދެން ހިމެނެނީ ތުރުކުމެނިސްތާން، މޮންގޯލިއާ، ކުވެއިތު އަދި ތައިލެންޑެވެ.

ކޮލިފައިންގައި އެންމެ ފުރަތަމަ ރާއްޖެ ކުޅޭނީ 22 ނޮވެމްބަރުގައި މޮންގޯލިއާ އާއި ދެކޮޅަށެވެ. އެއަށްފަހު 26 ނޮވެމްބަރުގައި ތައިލޭންޑާއި ދެކޮޅަށެވެ. އަދި ރާއްޖެއާއި ކުވެއިތު ބައްދަލުކުރާ މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ 28 ނޮވެމްބަރަށެވެ.

17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން މެޗުތަކުގެ ކުރިން ސެޕްޓެމްބަރު 15-27 އަށް ސްރީލަންކާގައި އޮންނަ ސާފް މުބާރާތުގައި ރާއްޖޭގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު ވާދަކުރާނެއެވެ. އެ މުބާރާތް އޮންނާނީ ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައެވެ. ސާފް މުބާރާތުގައި ރާއްޖެ ހިމެނެނީ ގުރޫޕް ބީގައެވެ. ރާއްޖެ އާއި އެކު މި ގުރޫޕްގައި ދެން ހިމެނެނީ އިންޑިއާ، ޕާކިސްތާން އަދި ބޫޓާނެވެ.

މެލޭޝިއާގައި ހުންނަ އޭއެފްސީ ހައުސްގައި އިއްޔެ ގުރުއަތުލުން ބާއްވާފައިވާއިރު އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަންކަޕް ކޮލިފައިންގައި ވާދަކުރާ 38 ޓީމު ވަނީ ހަތް ގުރޫޕަކަށް ބަހާލާފައެވެ.

ގުރޫޕްތައް ފައިނަލްކޮށް އިއްޔެ އާންމުކޮށްފައިވާއިރު މި ސަރަހައްދުގެ އެންމެ ވަރުގަދަ ގައުމު އިންޑިއާ ހިމެނެނީ ގުރޫޕް ޑީގައެވެ. ނޭޕާލް ގުރޫޕް ޖީގައި އޮތްއިރު ބަނގްލަދޭޝް އޮތީ ސްރީލަންކާ އާއިއެކު ގުރޫޕް އޭގައެވެ. ބޫޓާން ހިމެނެނީ ގުރޫޕް އީގައެވެ.

މީގެ ކުރިން 2 އަހަރުން އެއް އަހަރު ބާއްވަމުން އައި 17 އަހަރުން ދަށުގެ އޭޝިއަން ކަޕް 2026 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވާ ގޮތަށް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ވަނީ ނިންމާފައެވެ.