އަނގޮޅިތީމު ކައުންސިލުން ސަޕްލިމެންޓަރީ ބަޖެޓް ފާސްނުކޮށް، އިތުރަށް ޚަރަދުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ 2023 ވަނަ އަހަރުގެ އަނގޮޅިތީމު ކައުންސިލުގެ އޮޑިޓް ރިޕޯޓްގައި ވަނީ މާލީ އަދި ޤާނޫނީ ގިނަ މައްސަލަތަކެއް ފާހަގަކުރައްވާފައެވެ.
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ އެކައުންސިލް ހިންގާފައިވާގޮތާއި އެއަހަރު ކައުންސިލުން ޚަރަދުކޮށްފައިވާގޮތުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުގެ މާލީ ގިނަ މައްސަލަތަކެއް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކުރައްވާފައެވެ.
އޮޑިޓު ރިޕޯޓުގައި ހާމަކޮށްފައިވާގޮތުން އަނގޮޅިތީމު ކައުންސިލުން ވަނީ 2023 ވަނަ އަހަރު ކައުންސިލްގެ ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރުމުގެ އިޖުރާޢަތުތައް ފުރިހަމަނުކޮށް އިތުރަށް ޚަރަދުކޮށްފައެވެ. މިގޮތުން ސަޕްލިމަންޓްރީ ބަޖެޓް ކައުންސިލަށް ހުށައަޅާ، ކައުންސިލުން ފާސްކޮށް ބަޖެޓު މިނިސްޓްރީއަށް ހުށަހެޅުމުގެ އިތުރުން، އެބަޖެޓު ޢާންމުކުރުމަށް ޤާނޫނުގައި ބަޔާންކޮށްފައިވީނަމަވެސް އެހެން އެކަން ކޮށްފައިނުވާކަމަށް ވަނީ ބަޔާންކޮށްފައެވެ. މީގެއިތުރުން ބަޖެޓުނުކޮށް 5 ލައްކައަށްވުރެ ގިނަ ރުފިޔާ އިތުރަށް ޚަރަދުކޮށްފައިވާއިރު މިއީ ޔޫތް މިނިސްޓްރީން އެރަށުގައި އައުޓްޑޯ ޖިމް ޤާއިމުކުރުމަށާއި، ދިރާގުން އިޖުތިމާޢީ ސަރަޙައްދުގެ ކުނިކެހުމަށް ފޮނުވާފައިވާ ފައިސާކަން އޮޑިޓު ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.
R. Angolitheemu Council Audit Report 2023 - Compliance Audithttps://t.co/Opj8f2WGsL pic.twitter.com/r7Uku1dXnE
— AGO (@AuditMV) August 7, 2025
އެކައުންސިލުން 2023 ވަނަ އަހަރު މިނިސްޓަރ ޢައްޔަންކުރާ ބިޑް ކޮމިޓީއެއް އުފައްދަފައިނުވާއިރު، ޤާނޫނީ ޙައިސިއްޔަތު ނެތް ކޮމިޓީއަކުން ޕްރޮކިއުމަންޓް މަސައްކަތްތައް އިވެލުއޭޓްކޮށްފައިވާކަމަށްވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ތިޖޫރީ ރިޕޯޓު ތައްޔާރުކޮށްފައިނުވުމާއި ޢާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ތިޖޫރީގައި ބެހެއްޓުމާއި، އަދި އެފައިސާ ޚަރަދުކޮށްފައިނުވާކަމަށްވެސް އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ރަޖިސްޓްރީއެއް ބަލަހައްޓާފައިނުވުމާއި، ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ދޯންޏަކުން ލިބެންޖެހޭ ކުލި ކައުންސިލަށް ލިބިފައިނުވާއިރު އެކަމަށް މާލިއްޔަތު ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާފައިނުވާކަންވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
މިކަންކަމުގެ އިތުރުން 2023 ވަނަ އަހަރު ކައުންސިލަށް ބަލައިގަތް ފައިސާ ގަވާއިދާ އެއްގޮތަށް ބޭންކަށް ޖަމާކޮށްފައިނުވާކަމަށާއި، ކައުންސިލްގެ ބޭންކް އެކައުންޓަށް ޖަމާކުރެވޭ ފައިސާގެ ރަސީދު ތައްޔާރުކޮށްފައި ނުވާކަންވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން އަނގޮޅިތީމު ކައުންސިލް އިދާރާގެ ގުދަންތަކުގައި ހުރި ހަރުމުދަލުގެ ތަފްސީލު އެނގޭނޭހެން ބަލަހައްޓާފައިނުވާކަމަށްވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އަނގޮޅިތީމު ކައުންސިލުގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް އެކައުންސިލާއި ހިއްސާކޮށް، އެކަންކަން އިސްލާޙުކުރުމަށް އޮޑިޓަރ ޖެނެރަލް ވަނީ ލަފާދެއްވާފައެވެ.