ޚަބަރު

ނަތަންޔާހޫ ބޭނުންވަނީ މުޅި ޣައްޒާ ޔަހޫދީންގެ ފުރިހަމަ އަސްކަރީ ބާރުގެ ދަށަށް ގެންދަން


ފަލަސްޠީނުގެ ޣައްޒާ ޔަހޫދީންގެ ފުރިހަމަ އަސްކަރީ ބާރުގެ ދަށަށް ގެންދިޔުމަށް ބޭނުންވާ ކަމަށް ޔަހޫދީންގެ ހައްދުފަހަނައެޅި ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް ޔަހޫދީން ދަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދެމުންނެވެ. ޔަހޫދީން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސަމުންދާއިރު، ޔަހޫދީންގެ އަމަލުތައް ކުށްވެރިކޮށް މުޅި ދުނިޔެއިން ދަނީ ޣައްޒާގެ ޙާލަތާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މުޅި ޣައްޒާ އެއްކޮށް ޔަހޫދީންގެ ބާރުގެ ދަށަށް ގެންނަން ބޭނުންވޭތޯ، ފޮކްސް ނިއުސްއަށް ދިން ބަސްދީގަތުމެއްގައި ސުވާލުކުރުމުން ނަތަންޔާހޫ ބުނީ އެއީ ޔަހޫދީންގެ މަޤްސަދު ކަމަށެވެ. ޣައްޒާ ޔަހޫދީންގެ އަސްކަރީ ބާރުގެ ދަށަށް ގެނެސް، އެ ސަހަރުގެ ހިންގުން ޢަރަބި ފައުޖަކާ ޙަވާލުކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް ޣައްޒާގެ ހިންގުމާ ގުޅޭ އިތުރު ތަފްޞީލް، އަދި އެ މަސައްކަތް ކުރުމުގައި ބައިވެރިކުރާނީ ކޮން ޢަރަބި ޤައުމުތަކެއްކަން އޭނާ ހާމައެއް ނުކުރެއެވެ.

ނަތަންޔާހޫ މިހެން ބުނެފައި މި ވަނީ ޔަހޫދީންގެ ވަޒީރުންގެ ބައިގަނޑަކާއެކު ޣައްޒާގެ ހިންގުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބޭއްވުމުގެ އިރުކޮޅެއް ކުރިންނެވެ. މި ހަފްތާގެ ތެރޭގައި ޣައްޒާއާ ގުޅޭގޮތުން ޔަހޫދީންގެ އަސްކަރީ ވެރިޔާއާއެކު ވެސް ބައްދަލުވުމެއް ބާއްވާފައިވެއެވެ. އެ ބައްދަލުވުމުގައި ޣައްޒާ ޢުދުވާން އިތުރަށް ފުޅާކުރުމަށް އަސްކަރީ ވެރިޔާ ދެކޮޅުހެދިކަމަށް ވެއެވެ.

މީގެ ވިހި އަހަރު ކުރިން، 2005ވަނަ އަހަރުގެ ތެރޭގައި ޔަހޫދީން ވަނީ ޣައްޒާގައި ދިރިއުޅެމުންދިޔަ އެންމެހާ ޔަހޫދީ ވަޒަންވެރިން އެ ސަހަރުން ހުސްކޮށް، ޣައްޒާގައި ޙަރަކާތްތެެރިވަމުންދިޔަ ޔަހޫދީ ސިފައިން ވެސް ބާލައިފައެވެ. ނަމަވެސް ޣައްޒާގެ ސަރަޙައްދީ ރޮނގާއި ވައިގެ ސަރަޙައްދު އޮތީ ޔަހޫދީންގެ ބާރުގެ ދަށުގައެވެ. އަދި ކަރަންޓާއި ފެނުގެ ޚިދުމަތްތައް ފަދަ ޚިދުމަތްތައް ދިނުން ވެސް އޮތީ ޔަހޫދީންގެ ބާރުގެ ދަށުގައެވެ. ހަރުކަށި ފިކުރުގެ ޔަހޫދީން ޤަބޫލުކުރާ ގޮތުގައި 2006ވަނަ އަހަރުން ފެށިގެން ޣައްޒާގައި ޙަމާސްގެ ބާރުގަދަވުމަށް ފުރުޞަތު ލިބުނީ މި ނިންމުމުގެ ސަބަބުންނެވެ. ނަތަންޔާހޫ އިޢުލާނުކޮށްފައިވާ ގޮތަށް ޣައްޒާގެ ހިންގުމަށް ބަދަލުގެނެސްފި ނަމަ 2005ވަނަ އަހަރުގެ ނިންމުމާ އެއްގޮތަށް އަމަލުކުރުން ނިމުމަކަށް އަންނާނެއެވެ.

ނަތަންޔާހޫ ބޭނުން ވަނީ ގިނަ ދުވަސްތަކެއްގެ މަތިން ޔަހޫދީންގެ ބާރުގެ ދަަށަށް ޣައްޒާ ގެނައުމަށް ދިގު ޙަރަކާތެއް ހިންގުމަށް ކަމެއް ކަމެއް ނުވަތަ ޙަމާސް ނައްތާލައި އެ ޖަމާޢަތުގެ ބާރުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން މިނިވަންކުރުމަށް ކުރު ޙަރަކާތެއް ކުރިއަށް ގެންދިޔުމަށް ކަމެއް ސާފެއް ނުވެއެވެ.

ޣައްޒާ ހިންގުމަށް އެއްވެސް ސިޔާސީ ފެކްޝަނަކާ ގުޅުމެއް ނެތް ފަލަސްޠީނުގެ ޓެކްނޮކްރެޓުންގެ މައްޗަށް އެކުލެވޭ އިދާރީ ކޮމިޓީއެއް ޤާއިމުކޮށް ޣައްޒާގެ ހިންގުން އެ ކޮމިޓީއާ ޙަވާލުކުރުމަށް މި އަހަރުގެ ކުރީކޮޅު ޢަރަބި ވެރިންގެ ތާއީދާއެކު މިޞްރުން ހުށަހެޅި ހުށަހެޅުމެއް ބަލައިނުގަތުމަށް ޔަހޫދީންނާއި އެމެރިކާއިން ވަނީ ނިންމައިފައެވެ.

ޚިޔާލު ހޯދުމުގެ ޕޯލްތަކުން ދައްކާގޮތުގައި ޔަހޫދީންގެ ގިނަ ރައްޔިތުން ވެސް ބޭނުން ވަނީ ޣައްޒާގައި ކުރަމުންދާ ޢުދުވާނީ ހަނގުރާމަ ނިމުމަކަށް ގެނެސް، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން މިނިވަން ކުރުމަށް އެއްބަސްވުމެއް ޤާއިމުކުރާށެވެ.

ނަތަންޔާހޫގެ ވާހަކަތަކާ ގުޅޭގޮތުން އެމެރިކާގެ ވައިޓް ހައުސުން މިހާތަނަށް އެއްވެސް އެއްޗެއްް ބުނެފައެއް ނުވެއެވެ. ޔަހޫދީންގެ ފުރިހަމަ އަސްކަރީ ބާރުގެ ދަށަށް ޣައްޒާ ގެންދިޔުމަށް ތާއީދުކުރައްވަންތޯ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިހުން މި ހަފްތާގެ ކުރީކޮޅު ސުވާލުކުރުމުން އެ ސުވާލަށް ޖަވާބުދެއްވުމަށް ޓްރަމްޕް ވަނީ ދެކޮޅުހައްދަވައިފައެވެ.

އދން ވަނީ ޣައްޒާގައި ޔަހޫދީން ހިންގާ އަސްކަރީ ޙަރަކާތްތައް އިތުރަށް ފުޅާކުރުމަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތެއް ނަމަ އެއީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ބުނެފައެވެ. ޔަހޫދީންގެ ހައްދުފަހަނައެޅި ވަޒީރުންގެ ހިތްވަރު ދިނުމާއެކު މި ގޮތަށް ޔަހޫދީ ސަރުކާރުން އަމަލުކޮށްފި ނަމަ މި ވަގުތު ޔަހޫދީންގެ ބާރުގެ ދަށުގައި ނެތް ޣައްޒާގެ ސަރަޙައްދުތަކަށް ޔަހޫދީންގެ ޙަމަލާތައް ފުޅާކުރާނެއެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ވަނީ ޣައްޒާގައި މިހާަތަނަށް 61،000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ފަލަސްޠީނުގެ 98 ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ވެސް ޣައްޒާގެ ރައްޔިތުން ދަނީ ޝަހީދުވަމުންނެވެ.