ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީންގެ ނިރުބަވެރި ސިފައިން ފަހަތުގައި ތިބެގެން ޤާއިމުކޮށްފައިވާ އެހީ ބެހުމުގެ ނިޒާމަކީ، ހީލަތްތެރި ރޭވުމެއްގެ ތެރެއިން، ފަލަސްޠީނުގެ މައުސޫމް ރައްޔިތުން ޤަތުލުކުރުމަށް ކުރާ ކަމެއް ކަމަށް، ބައިނަލްއަޤުވާމީ އެހީދޭ ޖަމްޢިއްޔާއަކުން ބުނެފިއެވެ.
ފަރަންސޭސިވިލާތުގެ ޑޮކްޓަރސް ވިތުއައުޓް ބޯޑަރސް، ނުވަތަ އެމްއެސްއެފުން މިއަދު ނެރުނު ރިޕޯޓެއްގައި ބުނީ، އެހީ ބެހުމުގެ ނަމުގައި ޔަހޫދީންގެ ހިންގަމުންދަނީ ފަލަސްޠީނުގެ ރައްޔިތުންގެ އިންސާނީ ކަރާމާތް ނަގާލައި، އެ މީހުން ޤަތުލުކުރުމުގެ ހީލަތްތެރި ރޭވުމެއް ކަމަށެވެ.
ޣައްޒާގައި ކާބޯތަކެތި ބެހުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އުފައްދާފައިވާ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ މަރުކަޒުތަކުގެ ކައިރީގައި ކޮންމެ ދުވަހަކު ފިތި ބާރުވެގެން އެތައް ބަޔަކު ޝަހީދުވާއިރު ޔަހޫދީންގެ ޙަމަލާތަކުގައި އެތައް ބަޔަކު ދަނީ ޝަހީދުކުރަމުންނެވެ.
އެމްއެސްއެފުގެ ރިޕޯޓުގައި ބުނީ، ޣައްޒާގައި އެހީ ބަހާ މަރުކަޒުތަކުގެ ނަމުގައި ޔަހޫދީން ގާއިމްކޮށްފައިވާ މަރުކަޒުތަކަކީ ސަލާމަތީ ގޮތުން އެއްވެސް ރައްކާތެރިކަމެއް ޤާއިމުކޮށްފައިވާ ތަންތަނެއް ނޫން ކަމަށާއި، އަދި އެހީ ބެހުމުގައި އިންސާނީ ކަރާމަތަށް ވެސް އެއްވެސް މިންވަރަކަށް ނުބަލާ ކަމަށެވެ.
މިއީ ބައިނަލްއަޤުވާމީ އަދި އިންސާނިއްޔަތުގެ އެއްވެސް މިންގަނޑަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ، އެ ރިޕޯޓުގައި ވަނީ އެ މަރުކަޒުތައް ބަންދުކޮށް، ރައްޔިތުންނަށް އެހީ ފޯރުކޮށްދެވޭނެ އެހެން ގޮތެއް ހޯދަން ގޮވާލައިފައެވެ.
އެމްއެސްއެފުން ބުނީ، ބަލި މީހުންނަށް ސިއްޙީ ފަރުވާދޭން އެ ޖަމްޢިއްޔާއިން ޣައްޒާގައި ޤާއިމުކޮށްފައިވާ ކުލިނިކުތަކުގައި ބަލި މީހުންނަށް ވުރެ، ޝަހީދުވެފައިވާ މީހުންގެ ހަށިގަނޑުތައް ގިނަ ކަމަށެވެ.
ޖޫން މަހާއި ޖުލައި މަހުގެ ތެރޭގައި، ޖީއެޗްއެފުގެ އެހީ ބަހާ ދެ މަރުކަޒެއްގެ ޤާއިމުކޮށްފައިވާ ދެ ކުލިނިކަކަށް އެ މަރުކަޒުތައް ކައިރިން ޒަޚަމްވެގެން 1،380 މީހުންނަށް ފަރުވާ ދޭންޖެހުނު ކަމަށާއި، އޭގެތެރެއިން 28 މީހަކު ޝަހީދުވެފައިވާކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޭގެތެރެއިން 174 މީހުން ގެނެސްފައިވަނީ ބަޑިޖެހުމުގެ ސަބަބުން ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދޭން ކަމަށާއި، އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭ ކަމަށް ބުންޏެވެ.
އެ ރިޕޯޓުގައި ބުނީ، ކާއެތިކޮޅެއް ހޯދަން ގޮސްތިބޭ މައުސޫމް ރައްޔިތުން ޤަތުލުކޮށް، ޖަނަވާރުންނާ މެދު ވެސް ޢަމަލުނުކުރާ ވަރުގެ އަނިޔާތައް ދެމުންދަނީ އެއްވެސް ރަހުމެއް ނެތި ކަމަށެވެ.
ޔަހޫދީން ޣައްޒާގެ ފުރަބަންދު ހަރުކަށި ކޮށްފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. އެއަށް ފަހު، އެ ސަހަރަށް ވެއްދުމުގެ ފުރުޞަތު ދީފައި ވަނީ ވަރަށް މަދު އަދަދެއްގެ ކާނާއާއި އެހީގެ ސާމާނަށެވެ. މިއީ، ޣައްޒާގައި ދިރިއުޅޭ 2.2 މިލިޔަނެއްހާ މީހުން ގަސްދުގައި ހައިހޫނުގައި ޖެއްސުމަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާއެކެވެ.