އިންޑިއާގެ ޓެމިލްނާޑޫގެ މަހާބަލީޕޫރަމްގައި ކުރިޔަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ މެންސް އޯޕަން ކެޓަގަރީގައި ވާދަކުރާ ރާއްޖޭގެ ހޫދު އަޙްމަދު (ހޫބްސް) އާއި ޢިސްމާއިލް ރަޝީދު (ސްމައިލީ) ތިންވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
މިއަދު ހެނދުނު ކުރިޔަށް ދިޔަ ހީޓްތަކުގައި ވާދަކޮށް ތިން ވަނަ ބުރަށް ހޫދު ދަތުރުކުރީ 10.17ގެ ސްކޯއަކުންނެވެ. އިސްމާއިލް ރަޝީދު ތިންބަރަ ބުރަށް ދަތުރުކުރީ މިއަދުގެ 2 ވަނަ ހީޓުގައި ވާދަކޮށް 9.70 ޕޮއިންޓްގެ ސްކޯއަކުންނެވެ.
މި މުބާރާތުގެ ޖޫނިއާ މެންސް ކެޓަގަރީގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ޔާސިން އަހުމަދު ނާޝިދުވެސް ވަނީ ތިންވަނަ ބުރުން ޖާގަ ހޯދާފައެވެ.
ޖޫނިއާ ކެޓަގަރީގެ ފުރުތަމަ ބުރުގެ ހީޓުތައް އިއްޔެ ކުރިޔަށް ގެންގޮސްފައިވާއިރު ޔާސިން ވާދަކުރީ 5 ވަނަ ހީޓުގައެވެ.
މި ހީޓުގެ ދެވަނަ ޔާސިން ހޯދީ ހަތަރު ރާޅުން 11.73ގެ ސްކޯއެއް ހޯދައިގެންނެވެ. ޖޫނިއާ މެންސް ކެޓަގަރީގައި ދެން ރާއްޖެއިން ވާދަކުރާ އެތުލީޓުންނަކީ ޔޫސުފް ކަޔާން ހަމްދާން ޒަކީ އާއި ކަޔާން އަބުދުﷲ އަރީފްއެވެ. މި ދެ އެތުލީޓުން ވަނީ ރެޕޯ ބުރަށް ދަތުރުކޮށްފައެވެ.
ފުރަތަމަ ބުރުގައި ޔޫސުފް ކަޔާން ވަދާކުރީ އެއްވަނަ ހީޓުގައެވެ. މި ހީޓު ކަޔާން ނިންމާލީ 11.10 ގެ ސްކޯއަކުންނެވެ. ކަޔާން އަބުދުﷲ އަރީފް ވާދަކުރީ ހަތަރުވަނަ ހީޓުގައެވެ. އޭނާ މި ހީޓޫ ނިންމާލީ 4.17 ގެ ސްކޯއަކުންނެވެ.