ޚަބަރު

35 އަހަރުގެ މުލާ އެމެރިކާގެ ލީގަށް


ޖަރުމަނުގެ ބެޔާން މިއުނިކަށް 25 އަހަރު ކުޅުމަށްފަހު އެ ކްލަބާއި ދުރަށް ދިޔަ ތޯމަސް މުލާ އެމެރިކާގެ މޭޖަރ ލީގުގެ ކްލަބް ވެންކޫވަރ ވައިޓްކެޕްސް އަށް ސޮއި ކޮށްފި އެވެ.

މުލާ އާއިއެކު ބަޔާން މިއުނިކް އިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިދިޔަ ސީޒަނުގެ ނިޔަލަށް ހަމަވެފައިވާއިރު އެ ކްލަބުން ވަނީ އޭނާގެ ކޮންޓްރެކްޓް އައު ނުކުރާން ނިންމާފަ އެވެ.

މުލާ އާއިއެކު ވެންކޫވާރ އިން ސޮއި ކޮށްފައިވާއިރު 2026 ވަނަ އަހަރުގެ ސީޒަނުގައި އޭނާ ރަޖިސްޓަރީ ކުރާނީ ޑެސިގްނޭޓެޑް ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެމްއެލްއެސްގެ ކޮންމެ ކްލަބަކަށްވެސް ތިން ކުޅުންތެރިން އެ ގޮތަށް ރަޖިސްޓަރީ ކުރެވޭއިރު އެ ކުޅުންތެރިންގެ މުސާރަ ކްލަބްތަކުގެ މުސާރަ އޮނިގަނޑުގެ ތެރޭގައި ނުހިމެނޭނެ އެވެ.

ވެންކޫވާރ އާއި މުލާ ގުޅޭނީ އޭނާގެ އިންޓަރނޭޝަނަލް ޓްރާންސްފަރ ސެޓިފިކެޓްގެ އިތުރުން ވިސާ އާއި ވޯކްޕާމިޓް ހަމަޖެހުމުން ކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

2000 ވަނަ އަހަރުގެ ބަޔާން މިއުނިކް އިން ފުޓްބޯޅަ ހަޔާތް ފެށި މުލާ ބުނެފައިވަނީ އޭނާގެ އެންމެ ބޮޑު އަމާޒަކީ ވެންކޫވަރ އަށް މުބާރާތެއް ކާމިޔާބުކޮށްދިނުން ކަމަށެވެ.

މުލާ ވަނީ ބަޔާން މިއުނިކް އާއިއެކު ބުންޑެސްލީގާގެ ޗެމްޕިއަންކަން 13 ފަހަރު ހޯދާފަ އެވެ. އަދި ޔޫއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު ވަނީ ކާމިޔާބުކޮށްފަ އެވެ.

ޖަރުމަނުގެ ގައުމީ ޓީމަށް 131 މެޗު ކުޅެދީ ޖުމްލަ 35 ލަނޑު ގައުމީ ޓީމަށް ކާމިޔާބު ކޮށްދީފައިވާ މުލާ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ޖަރުމަނުން ކާމިޔާބު ކުރި ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. މީގެ އިތުރުން އޭނާ ވަނީ 2010 ވަނަ އަހަރު ސައުތު އެފްރިކާގައި ބޭއްވި ވޯލްޑްކަޕްގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓްވެސް ހޯދާފަ އެވެ.