ޚަބަރު

ސެން ޓީޗަރުން ތަމްރީންކުރުމުގެ ކޯސްތަކެެއް އައިޔޫއެމްއާއި ވިލާ ކޮލެޖުގައި ފަށަނީ


  • މި ކޯހުގައި ހިލޭ ބައިވެރިވެވޭނެ

  • ކޮންމެ މަހަކު 1500ރުފިޔާގެ ޕޮކެޓް މަނީއެއް ލިބޭނެ

އުގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ނުވަތަ ސެން ޓީޗަރުން ތަމްރީނުކުރުމުގެ ކޯސްތަކެއް ތަޢުލީމީ ވުޒާރާއާ ގުޅިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ވިލާ ކޮލެޖުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި ކޯސް އިފްތިތާޙުކޮށްފައިވަނީ އެކަމަށްޓަކައި އިސްލާމިކް ޔުނިވަރސިޓީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އުގެނުމުގައި ޚާއްސައެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ ކޯހާއި ގުޅޭ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.އިސްމާޢީލު ޝަފީޢުއެވެ. އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ.ޢަލީ ޒާހިރެވެ. އަދި ވިލާ ކޮލެޖުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ރެކްޓަރ ޑރ.ޢަލީ ނަޖީބެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލު ޝަފީޢު ވިދާޅުވީ، ދިވެހިރާއްޖޭގައި ޓީޗަރުން ތަމްރީނުކުރުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ޤަބޫލުކުރައްވާކަމަށެވެ.

"އެކިއެކި މަރުކަޒުތަކުން ޔުނިވަރސިޓީތަކުން، ކޮލެޖުތަކުން ހިންގާ ޓީޗިންގް ކޯސްތައް ވާން އެބަޖެހޭ ސީދާ ދަރިވަރުންނަށް އުނގަންނައިދިނުމަށް މި ބޭނުންވާ ކޮންޓެންޓައް އަމާޒުކުރެވިފައި ހުރި ކޯސްތަކެއްގެ ގޮތުގަ ފަރުމާކުރަންއެބަޖެހޭ. މިގޮތައް މިކަން ނުކުރެވޭކަމުގައި ވަނީނަމަ ކޯހެއް ނިންމިޔަސް މުދައްރިސުން އަހުލުވެރިއެއްނުވާނެ ކުދިންނަށް ކިޔަވައިދިނުމަށް" ވަޒީރު ޑރ.އިސްމާޢީލު ޝަފީޢު ވިދާޅުވިއެވެ.

މި ކޯހާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސީޓީގެ ކުއްލިއްޔާ އޮފް އެޑިއުކޭޝަންގެ ޑީން ޑރ. ޢާއިޝަތު ޝިނާ ވިދާޅުވީ، މި ކޯހަކީ، އުނގެނުމުގައި ޚާއްސައެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުންނަކީ އެކަމަށް ޤާބިލު ބަޔަކަށް ހެދުމުގެ މަގްސަދުގައި ކުރިއަށްގެންދާ ކޯހެއްކަމަށެވެ. އަދި މި ކޯހުގެ ކިޔެވުން ސެޕްޓެމްބަރުމަހު ފެށޭނެކަމަށްވެސް ޑރ.ޝިނާ ވިދާޅުވިއެވެ.

ޑރ. ޝިނާ ވިދާޅުވީ 1 އަހަރު ދުވަހުގެ ޑިޕްލޮމާ ފެންވަރުގެ މި ކޯސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގެ އިތުރުން އައިޔޫއެމްގެ ކެމްޕަސްތައް ހުންނަ ކޮންމެ ރަށެއްގައިކަމަށެވެ. އަދި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާކަންވެސް ޝިނާ ފާހަގަކުރެއްވިއެވެ.

"މި ކޯސް މައިގަނޑުގޮތެއްގައި 8 މޮޑިއުލެއްގެ މައްޗަށް ޚާއްސަކުރެވިފައި މިވަނީ. ކޯސް ފަރުމާ ކުރުމުގައި އަޅުގަނޑުމެން މި ދާއިރާއިން ތަޚައްސުސު ވެފައިވާ ބޭފުޅެއްގެ އެހީތެރިކަން ހޯދައިގެން ވަރަށް ބޮޑަށް ކަރިކިއުލަމްގެ ތެރެއިން ޚާއްސަކޮށްގެން ކޯސް ފަރުމާކޮށްފައި ވާނީ" ޑރ. ޝިނާ ވިދާޅުވިއެވެ.

މި ކޯސް ކުރިއަށްގެންދާނީ ދަރިވަރުން ކެމްޕަހަށް ހާޒިރުވެގެންނެވެ. ކޯހުގައި ކިޔަވާނީ 8 މޮޑިއުލްއެވެ. މީގެއިތުރުން މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށް 4 ވޯކްޝޮޕެއް ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. އައިޔޫއެމްގެ އިތުރުން ވިލާ ކޮލެޖުގައިވެސް މި ކޯސް އަންނަ ސެޕްޓެމްބަރުމަހު ފެށުމަށް ހަމަޖެހިފައިވާކަމަށް އެ ކޮލެޖުން މައުލޫމާތުދެއެވެ.

މި ކޯހަކީ ދަރިވަރުންނަށް މުޅިން ހިލޭ ކިޔަވައިދޭ ކޯހަކަށްވާއިރު، ކޮންމެ މަހަކުވެސް ޕޮކެޓް މަނީގެ ގޮތުގައި ކޮންމެ ދަރިވަރަކަށްވެސް 1500ރ ދިނުމަށް ހަމަޖެހިވާކަމަށް ތައުލީމީ ވުޒާރާއިން ވިދާޅުވެއެވެ.

އުގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ތަމްރީންކުރުމުގެ މަސައްކަތް ތައުލީމީ ވުޒާރާއިން ކުރިއަށްގެންދަނީ މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ތެރޭގައި ހިމަނުއްވައިގެނެވެ. އަދި މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގެ ތެރޭގައި ހިމެނޭ މުހިއްމު ވަޢުދެކެވެ.