ހުޅުމާލޭ ހޮސްޕިޓަލުގައި އިންޓަރންޝިޕްގެ ފުރަތަމަ ޕްރޮގްރާމް ފެށުމަށް އެހޮސްޕިޓަލުން މިހާރުދަނީ ތައްޔާރުވަމުންނެވެ. މިޕްރޮގްރާމާއެކު ހޮސްޕިޓަލުގެ ސްޓޭންޑަޑް މަތިވެގެންދާނެކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރައްވައެވެ.
ހޮސްޕިޓަލުތަކުގެ ފެންވަރު މަތިކުރުމަށް ހޮސްޕިޓަލުތަކަކީ، ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ ފަދަ މަރުކަޒަކަށް ހެދުމަކީ ހޮސްޕިޓަލުތަކުން ބޭނުންވާކަމެކެވެ. އެއީ ހަލުވިކަމާއެކު ތަރައްޤީވަމުންދާ މެޑިކަލް ދާއިރާއަށް އަންނަ ކުރިއެރުންތަކާއި ޓެކްނޮލޮޖީއަށް އެ ހޮސްޕިޓަލެއްގެ ޑޮކްޓަރުން އަބަދުވެސް އަހުލުވެރިކުރުވުމަށް ބާރުއަޅާ ކަމެއްކަމުންއެއީ ޕޭޝަންޓްކެއާރގައި ފަރުވާގެ ފެންވަރު މަތިވާކަމެއްކަމުގައިވާތީއެވެ. އެހެންނަމަވެސް މެޑިކަލް ދާއިރާއިން ތަޢުލީމު ފޯރުކޮށްދިނުމުގެ ހުއްދަ ލިބެނީ އެހޮސްޕިޓަލެއްގައި ވަކި ކަންކަމެއް ފުރިހަމަވެ އެކަމަށްޓަކައި އޮންނަ ސްޓޭންޑަޑަކަށް ހޮސްޕިޓަލުގެ ޚިދުމަތްތައް ޤާއިމުވެފައިވާނަމައެވެ. ރާއްޖޭގައި މި ހުއްދަދެނީ މޯލްޑިވްސް މެޑިކަލް ޑެންޓަލް ކައުންސިލުން އެއޮންނަ މިންގަނޑުތަކަށް ބެއްލެވުމަށްފަހުގައެވެ.
ރާއްޖޭގެ ސިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، ރާއްޖެއިން ބޭރުން އެމް.ބީ.ބީ.އެސް ނުވަތަ މެޑިސިން ހަދައިގެން އަންނަ ދަރިވަރުން ޑޮކްޓަރުކަމުގެ ލައިސެންސް ހޯދުމަށް ކަށަވަރުކުރަންޖެހޭ އެއްއަހަރުގެ އިންޓަރންޝިޕް ޕްރޮގްރާމް ފުރިހަމަކުރުމަށް ބޭނުންވާ ފުރުސަތު މަދުވުމުގެ ކަންބޮޑުވުމެވެ. އެހެންކަމުން މިކަމަށް ހައްލެއް ގެނައުމަށް ރާއްޖޭގައި ޓަރޝަރީ ފެންވަރަށް ޚިދުމަތްދެމުންދާ ހޮސްޕިޓަލުތަކަށް މިހާރުވަނީ ފުރުސަތު ހުޅުވާލާފައެވެ. މީގެ ދަށުން ފުރިހަމަކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަކުރުމަށްފަހު ހުޅުމާލޭ ހޮސްޕިޓަލުން މިހާރުދަނީ އިންޓަރންޝިޕް ފެށުމަށް ތައްޔާރުވަމުންނެވެ. އެހޮސްޕިޓަލުގެ ފުރަތަމަ އިންޓަރންޝިޕް ޕްރޮގްރާމް އަންނަ އާދިއްތަ ދުވަހު ފެށުމަށްވަނީ ނިންމާފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެހޮސްޕިޓަލުގެ މެޑިކަލް ޑިރެކްޓަރ ޑރ. ޖުމެއިލާ ބޭގަމް ވިދާޅުވީ، އިންޓަރންޝިޕް ޕްރޮގްރާމް ފެށިގެންދިޔުމަކީ މުޅި ހޮސްޕިޓަލަށް ލިބިގެންދާ ކުރިއެރުމެއްކަމަށެވެ.
"ހުޅުމާލޭ ހޮސްޕިޓަލަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްމިއީ އިންޓަރންޝިޕް ޕްރޮގްރާމް ފެށި، ޓީޗިންގ ދާއިރާއަށް ވަނުމަށް ލިބުމަކީ. މިއީ އަދި ފެށުމެއް. އަޅުގަނޑުމެން އައިޖީއެމްއެޗްގެ ނޭޝަނަލް އެކަޑަމީގެ ދަށުން ފެށިކަމުގައިވީނަމަވެސް އަޅުގަނޑުމެންގެ މަޤްސަދަކީ އަދި އުއްމީދަކީ، މިއަންނަ އަހަރު އެއީ އަޅުގަނޑުމެންގެ ހުޅުމާލޭ ހޮސްޕިޓަލުގައި ރަޖިސްޓަރވެގެން ހިންގާނެ ޕްރޮގްރާމަކަށްވުން." ޑރ.ޖުމެއިލާ ވިދާޅުވިއެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ އިންޓަރންޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި 15 ކުއްޖަކަށްވަނީ ފުރުސަތު ދެއްވާފައެވެ. އެހޮސްޕިޓަލުގެ މިވަގުތު ޖާގަ ތަންދިން މިންވަރުން މިއީ އެންމެ ފުރިހަމަ ގޮތުގައި ދަރިވަރުންނަށް ދޭންޖެހޭ ފުރުސަތު ފަހިކުރުމަށް ނެގޭނެ އެންމެ މަތީ ޢަދަދުކަމަށް އެހޮސްޕިޓަލުން ފާހަގަކުރައްވައެވެ. އަދި އެހޮސްޕިޓަލުގައި މިވަގުތު ނެތް ސްޕެޝޭލިޓީތަކުން، އިންޓަރންސްއަށް ބޭނުންވާ ތަޖުރިބާގެ ފުރުސަތު އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުން ފޯރުކޮށްދެވޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ.
އިންޓަރންޝިޕްގެ ފުރަތަމަ އަހަރަށްފަހު މޯލްޑިވްސް މެޑިކަލް ޑެންޓަލް ކައުންސިލުން އެއަހަރު ހޮސްޕިޓަލުގެ އިންޓަރންޝިޕް ޕްރޮގްރާމް ކުރިއަށްގެންދިޔަ ގޮތް އެސެސްކުރާނެއެވެ. އަދި އެއަށްފަހު ހުޅުމާލޭ ހޮސްޕިޓަލުގެ ޕްރޮގްރާމެއްގެ ގޮތުގައި ކުރިއަށްގެންދިޔުމުގެ ފުރުސަތު އެހޮސްޕިޓަލަށް ލިބިގެންދާނެއެވެ. ހުޅުމާލޭ ހޮސްޕިޓަލުގެ ތަރައްޤީގެ ޕްލޭންތަކާއެކު އެހޮސްޕިޓަލުގެ އިންޓަރންޝިޕް ޕްރޮގްރާމްވެސް އިތުރަށް ކުރިއަރައިގެންދާނެކަމަށް އެހޮސްޕިޓަލުން ފާހަގަކުރައްވައެވެ.