އެމެރިކާގެ ސިންސިނާޓީ ގައި ފެށުމަށް ހަމަޖެހިފައިވާ ސިންސިނާޓީ އޯޕަން ޓެނިސް މުބާރާތުން ސަރބިޔާގެ ނޯވަކް ޖޮކޮވިޗް ވަކިވެއްޖެ އެވެ.
މި މުބާރާތް އިންތިޒާމް ކުރާ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި ޖޮކޮވިޗް މި އަހަރުގެ މުބާރާތުގައިވެސް ބައިވެރިއެއް ނުވާނެ އެވެ. ގްރޭންޑް ސްލޭމް ޗެމްޕިއަންކަން 24 ފަހަރު ހޯދާފައިވާ ޖޮކޮވިޗް މި މުބާރާތުން ވަކިވެފައިވާއިރު މިދިޔަ އަހަރުގެ މުބާރާތުގައިވެސް އޭނާ ވާދަކޮށްފައެއް ނުވެއެވެ.
ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ކުރިން ބާއްވާ ސިންސިނާޓީ އޯޕަން ގައި ޖޮކޮވިޗް ވާދަ ނުކުރާން ނިންމާފައިވަނީ އޭނާއަށް ލިބިފައިވާ އަނިޔާއިން އެއްކޮށް ރަގަޅު ކުރިއަށް އޮތް ޔޫއެސް އޯޕަން ގައި ރަގަޅު ނަތީޖާއެއް ހޯދުމަށް ކަމަށް ގަބޫލުކުރެވެ އެވެ.
ނިމިގެންދިޔަ ފްރެންޗް އޯޕަންގެ އިތުރުން ވިމްބަލްޑަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގައި ޖޮކޮވިޗް ވަނީ ބަލިވެފަ އެވެ. މި ދެ މެޗުންވެސް ޖޮކޮވިޗް ބަލިވެފައިވަނީ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ އިޓަލީގެ ޔަނިކް ސިނަރ އަތުންނެވެ.
ޖޮކޮވިޗް ވަނީ ސިންސިނާޓީ އޯޕަން މުބާރާތް މީގެ ކުރިން ތިން ފަހަރު މަތިން ކާމިޔާބުކޮށްފަ އެވެ.
ޔޫއެސް އޯޕަން ޓެނިސް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 24 އިން ސެޕްޓެމްބަރ 7 ވަނަ ދުވަހުގެ ނިޔަލަށެވެ.