ޚަބަރު

ޓޫރިޒަމް ޓްރަސްޓު ފަންޑުން ޚަރަދުކުރެވޭނެ ދާއިރާތައް ކަނޑައަޅައި ގަވާއިދު އާންމުކޮށްފި


  • މި ފަންޑުން ޚަރަދުކުރެވޭނީ ޓޫރިޒަމް ސިނާއަތް ތަރައްޤީކުރުމުގެ ހަރަކާތްތަކަށް

  • ފަންޑު ބޭނުންކުރަން ޖެހޭނީ ފަންޑު ސްޓޭޓްމަންޓާ އެއްގޮތްވާ ގޮތުގެ މަތިން

ޓޫރިޒަމް ޓްރަސްޓު ފަންޑުން ޚަރަދުކުރެވޭނެ ދާއިރާތައް ކަނޑައަޅައިފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިކަމާގުޅޭ ގަވާއިދު މިހާރު ގެޒެޓްކޮށްފައިވާއިރު މި ދާއިރާތަކުން ޚަރަދުކުރާނެގޮތްވެސް ވަނީ ބަޔާންކޮށްފައިއެވެ.

މާލިއްޔަތު ޤާނޫނުގެ ދަށުން ޤާއިމުކޮށް ހިންގަމުންދާ ފަތުރުވެރިކަމުގެ ސިނާޢަތުގެ ޓްރަސްޓް ފަންޑު އުވާލައި، ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނުގެ ދަށުން، ޓޫރިޒަމް ޓްރަސްޓް ފަންޑެއް އުފެއްދުމަށް އެ ޤާނޫނަށް ހުށަހެޅި ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވާ މި އިޞްލާޙަށް އަމަލުކުރަން ފަށާފައި ވަނީ މި އަހަރު މާރިޗުމަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ފަންޑުގެ މައިގަނޑު މަޤްޞަދަކީ ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީކޮށް ކުރިއެވުމަށް ބޭނުންވާ އެހީތެރިކަން ފަސޭހަކަމާއެކު ފޯރުކޮށްދީ، ރައްޔިތުންނަށް ދެމެހެއްޓެނިވި މަންފާ ހޯދައިދިނުންކަމަށެވެ. މިގޮތުން ޓޫރިޒަމް ޓްރަސްޓް ފަންޑު ޤާއިމުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ހާމަކޮށް ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހަކަމާއެކު ފޯރުކޮށްދިނުންކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން މި ފަންޑަށް ލިބޭ އެހީތެރިކަން އަމާނާތްތެރިކަމާއެކު ބަލަހައްޓާ ފަންޑުން ލިބޭ ފައިދާ ދާއިރާގެ ކުރިއެރުމަށް ބޭނުންކުރުންކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން ފަސް އަހަރުގެ މުއްދަތަށް އުފައްދާ ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ޒިންމާތަކެއްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އޭގެ އިތުރުން ފަންޑަށް ޖަމާކުރާ ފައިސާ ޚަރަދު ކުރަންޖެހޭ ގޮތް ގަވާއިދުގައި ވަނީ ހިމަނާފައެވެ.

ފަންޑަށް ޖަމާކުރާ ފައިސާ ޚަރަދު ކުރަންޖެހޭ ގޮތް:

• ޓޫރިޒަމް ސިނާއަތް ތަރައްޤީކުރުމުގެ ހަރަކާތްތަކަށް
• ޓޫރިޒަމްގެ ވަސީލަތްތައް ކުރިއެރުވުމަށް އިންވެސްޓްކުރުން
• ޓޫރިޒަމް ދާއިރާގެ މީހުންގެ ގާބިލްކަން އިތުރު ކުރަން ތައުލީމާއި ތަމްރީނު ޕްރޮގްރާމް ހިންގުން
• އާންމު އިޖުތިމާއީ ފައިދާ ލިބޭ ހަރަކާތްތައް ހިންގުން
• ފަންޑު ބޭނުންކުރަން ޖެހޭނީ ފަންޑު ސްޓޭޓްމަންޓާ އެއްގޮތްވާ ގޮތުގެ މަތިން

ގަވާއިދުގައިވާ ގޮތުން ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ރައުސްމާލު ބަހާފައި ވަނީ ހަތަރު ބަޔަކަށެވެ.

އެއީ ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހިންގާ ޓޫރިޒަމްގެ ހަރަކާތްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ ސްޕޮންސަޝިޕް ފައިސާއާއި އެ ނޫންވެސް ފައިސާ، ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ސީއެސްއާރުގެ ގޮތުގައި ފަންޑަށް ދޭ ފައިސާއާއި ފަންޑުން އުފައްދާ އިންވެސްޓްމަންޓުތަކުން ލިބޭ ފައިސާ އަދި އާންމުކޮށް އިއުލާނުކޮށްގެން ހުޅުވާ ބީލަންތަކުގައި ތަމްރީނުތަކަށް ދޭ ފައިސާ ކަމަށް ޤަވައިދުގައި ވަނީ ބަޔާންކޮށްފައެވެ.

މި ގަވާއިދުގައިވާގޮތުން ޓޫރިޒަމް ޓްރަސްޓް ފަންޑު ހިންގާނީ ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓާ އެއްގޮތަށް އަދި ފަންޑު ހިންގާ ކޮމިޓީން ކަނޑައަޅާ އުސޫލުގެ މަތިން ޓޫރިޒަމް މިނިސްޓްރީންނެވެ.

ޓްރަސްޓް ފަންޑު ހިންގަން 7 މެމްބަރުންގެ ޚާއްސަ ކޮމިޓީއެއްވެސް އުފައްދަން ޖެހޭނެކަމަށް ޤަވައިދުގައި ވަނީ ބަޔާންކޮންފައެވެ. އެގޮތުން ވަޒީރު އެ ކޮމިޓީ އެކުލަވައިލައްވަން ޖެހެނީ ހާއްސަ ދާއިރާތަކަކަށް އިސްކަން ދެއްވައިގެންކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ޓްރަސްޓް ފަންޑު ހިންގުމަށް އެކުލަވާ ޚާއްސަ ކޮމިޓީ ތިއްބަވާ މެންބަރުން ނިސްބަތްވާ ދާއިރާ:

• ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
• ފަތުރުވެރިކަމާބެހޭ ވުޒާރާ
• މާލީ ވުޒާރާ
• އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ
• ބަންޑާރަ ނައިބުގެ އޮފީސް
• އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާ
• ޓެކްސް އިދާރާ، މީރާ

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ ގަވާއިދުގައިވާ ގޮތުން ކޮންމެ އަހަރެއްގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތަކުގެ ރިޕޯޓު އެ އަހަރެއް ނިމޭތާ 3 މަސް ދުވަހުގެ ތެރޭގައި ރައީސަށާއި ރައްޔިތުންގެ މަޖިލިހަށާއި މާލީ ވުޒާރާއަށާއި އޮޑިޓަރ ޖެނެރަލް އޮފީހަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހުށަހަޅަން ޖެހޭނެކަމަށެވެ.

އެ ފަރާތްތަކަށް އެ ރިޕޯޓުތައް ހުށަހަޅާތާ ދެ މަސް ދުވަހުގެ ތެރޭގައި ފަންޑު އޮޑިޓަރ ޖެނެރަލް އޮޑިޓްކޮށް، އެ ރިޕޯޓު ރައްޔިތުންގެ މަޖިލިހަށްވެސް ފޮނުވަން ވާނެކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.