ޚަބަރު

ލަބެރާ ޗެލެންޖަކީ ހާއްސަ މުބާރާތަކަށްވާނެ، ހުދުފޮނުގެ އެތުލީޓުން ވަނީ ބައިވެރިވެފަ: އެމްބީބީއޭ


މާދަމާ މާލޭގައި ފަށާއި ގައުމީ ބޮޑީ ބޯޑިންގ ލީގުގެ ދެވަނަ މުބާރާތްކަމަށްވާ، ލަބެރާ ބޮޑީ ބޯޑިންގ ޗެލެންޖަކީ ވަރަށް ހާއްސަ މުބާރާތަކަށްވާނެ ކަމަށާއި، ހުދު ފޮނު ޕްރޮގްރާމުގެ އެތުލީޓުންތަކެއްވެސް މި މުބާރާތުގައި ވާދަކުރާނެ ކަމަށް ބޮޑީ ބޯޑިންގ އެސޯސިއޭޝަންގެ ރައީސް ހުސެއިން ނިޒާމް ވިދާޅުވެއްޖެއެވެ.

ނިޒާމް ވިދާޅުވީ މި މުބާރާތް ބާއްވަން ފުރަތަމަ މަސައްކަތް ކުރީ ފުވައްމުލަކުގައި ނަމަވެސް ދިމާވި ކަންތައްތަކަކާއި ގުޅިގެން މުބާރާތް މާލެއަށް ބަދަލުކުރީކަމަށެވެ. ފުވައްމުލައް ސިޓީގައި ލީގުގެ ދެވަނަ މުބާރާތް ބޭއްވޭގޮތް ނުވީ މުބާރާތް ބޭއްވުމަށް ހިންގާ ހަރަދުތައް ހަމަޖެއްސޭނެ ގޮތެއް ނެތުމުންނެވެ.

ނިޒާމު ވިދާޅުވީ މިއަހަރު ފެށުނީންސުރެން އެސޯސިއޭޝަނުން ކުރިޔަށް ގެންދާ ހުދުފޮނު ޕްރޮގްރާމުގެ ތެރެއިން މި މުބާރާތަށް ކުދިން އަންނަކަން މިއީ ރަނގަޅު ފާލެއް ކަމަށެވެ. އެގޮތުން ލަބެރާ ބޮޑީ ބޯޑިން ޗެލެންޖުގައިވެސް ހުދުފޮނު ކުލިނިކު ހިންގި ނ. ޅޮހި އަދި ށ. ކަނޑިތީމުގެ އެތުލީޓުންތަކެއް ބައިވެރިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ މި ކުޅިވަރު ކުރިއަރުވަން އެންމެ މުހިންމުކަންތައް. މީގެ ތެރެއަށް ކުލިނިކުތައް ޖައްސައިގެން މީގެތެރެއަށް ވީހާވެސް ޅަ ކުދިން ގެނެސްގެން އެކުދިން މިތަނަށް އައިސް މި މުބާރާތްތަކުގައި ވާދަކޮށްގެން އެލިބޭ ތަޖުރިބާއިން އަސްލު މިކުޅިވަރު ކުރިއަރާނީ" ނިޒާމް ވިދާޅުވިއެވެ.

ލަބެރާ ބޮޑީ ބޯޑިންގ ޗެލެންޖަކީ އުމުރުން 14 އަހަރުން ފެށިގެން 40 އަހަރާއި ދެމެދުގެ ބޮޑީބޯޑަރުންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލި މުބާރާތެކެވެ.

މި މުބާރާތުގައި 3 ކެޓަގަރީއަކުން ޖުމްލަ 20 އެތުލީޓުން ވާދަކުރާނެއެވެ. އޭގެ ތެރޭގައި މެންސް އޯޕަން ޑިވިޝަނުގައި 18 އެތުލީޓުން، ޖޫނިއާރ މެންސް ޑިވިޝަނުގައި 7 އެތުލީޓުން އަދި ޑްރޮޕްނީ ކެޓަގަރީގައި 8 އެތުލީޓުން ބައިވެރިވެފައިވެއެވެ.

ލަބެރާ ބޮޑީ ބޯޑިންގ ޗެލެންޖަކީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ އެހީތެރިކަމާއެކު މިމަހުގެ 5-8 އަށް މާލޭ ވަރުނުލާ ރާޅުގަނޑުގައި ކުރިޔަށް ގެންދާ މުބާރާތެކެވެ.