އޭއެފްސީ ޗެލެންޖާސް ލީގަށް ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތީ ފުރިހަމައަށް ތައްޔާރުވެ، މޮޅުވުމުގެ އަޒުމުގައި ކަމަށް ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ. 
މާޒިޔާއިން ތައްޔާރުވަމުން އަންނަނީ އޭއެފްސީ ޗެލެންޖާސް ލީގުގެ ޕްލޭއޮފް ޕްލިމިނަރީ ބުރުގައި ވާދަކުރުމަށެވެ. އެގޮތުން މިމަހުގެ 12 ވަނަ ދުވަހު ހަވީރު ގަލޮޅު ދަނޑުގައި މާޒިޔާ ނިކުންނާނީ ކުވެއިތުގެ އަލް އަރަބީ އާއި ދެކޮޅަށެވެ. 
މާޒިޔާގެ ފަރިތަކުރުންތައް ކުރިޔަށްދާގޮތާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ލުއިސްމާ ހެނާންޑޭޒް ބުނީ މި މެޗަށް ތައްޔާރުވުމުގެ ގޮތުން 05 ޖުލައިން ފެށިގެން ފަރިތަކުރުންތައް ބާއްވަމުން އަންނަ ކަމަށެވެ. ބައެއް ކުޅުންތެރިން ފަރިތަކުރުންތަކާއި ގުޅުނީ ލަހުން ކަމަށާއި، އެހެންނަމަވެސް ޓީމު އޮތީ ކުވެއިތުގެ އަލް އަރާބީއާއި ދެކޮޅަށް ނިކުތުމަށް ތައްޔާރުވެފައިކަމަށް ހެނާންޑޭޒް ބުންޏެވެ. 
		
										
			މާޒިޔާގެ ކޯޗު ބުނީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށި އޮތުމުން މި ހާލަތުގައި ޓީމު ތައްޔާރުކުރުމަށް އުނދަގޫތަކެއް ކުރިމަތިވިކަމަށެވެ. 
އެހެންނަމަވެސް މާޒިޔާއިން މަސައްކަތްކުރާނީ މި މެޗުން މޮޅުވެ ނޮކްއައުޓް ސްޓޭޖުން މޮޅުވެ އޭއެފްސީ ކަޕުން ޖާގަ ހޯދުމަށް ކަމަށް ކޯޗު ބުންޏެވެ. 
އޭއެފްސީ ޗެލެންޖާސް ލީގަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭ ގޮތުން މާޒިޔާގެ ކެޕްޓަން ސަމޫހު އަލީ ބުނީ ކޯޗުގެ އިރުޝާދުގެ ދަށުން މިހާރު ޓީމުވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށާއި، ފަރިތަކުރުންތައްވެސް ދަނީ ރަނގަޅަށް ކަމަށެވެ. 
ސަމޫހު ބުނީ އިދިކޮޅު ޓީމުގެ ކުޅުންތެރިންގެ ކުޅުން އެނަލައިޒްކޮށްގެން ހުރިހާ ކުޅުންތެރިންވެސް ކުރިޔަށް އޮތް މެޗަށް ތައްޔާރުވަމުން މި އަންނަނީ މޮޅުވުމަށް ކަމަށް ސަމޫހު ބުންޏެވެ.