2025 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ވީޑިއޯ ކްލިޕް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ، މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ އާންމުންގެ މެދުގައި ޑިމޮކްރަސީގެ އަސާސްތަކާއި އޭގެ މުހިންމުކަން ހާމަކޮށް، ޑިމޮކްރަސީ ކުރިއެރުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ފާހަގަކުރުން ކަމަށެވެ.
"ޑިމޮކްރަސީގެ އަސާސްތައް ޕްރޮމޯޓްކުރުން - ރައްޔިތުންގެ މަޖިލީހުގެ ދައުރު"ގެ ނަމުގައި ބާއްވާ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދެ ކެޓަގަރީއަކުން ހުޅުވާލާފައިވެއެވެ. އެއީ އަމިއްލަ ގޮތުން ބައިވެރިވާ ކެޓަގަރީ އަދި ޖަމްޢިއްޔާތަކުގެ ކެޓަގަރީއެވެ. އަމިއްލަ ގޮތުން ބައިވެރިވާ ފަރާތްތަކުގެ ކެޓަގަރީގައި 15 ސެޕްޓެންބަރު 2025 ގެ ނިޔަލަށް 16 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވެވޭނެއެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އޮންލައިން އެޕްލިކޭޝަން ފޯމު މެދުވެރިކޮށް ކުރިމަތިލެވޭނެއެވެ. ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި އައިޑީ ކާޑުގެ ކޮޕީ ނުވަތަ ޖަމްޢިއްޔާގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީގެ އިތުރުން، މުބާރާތަށް ހުށަހަޅާ ވީޑިއޯ ކްލިޕްގެ ލިންކް ހިމެނެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ސެޕްޓެންބަރު 2025 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެއެވެ. މުބާރާތުގެ އުސޫލާއި އިނާމުތަކާއި ގުޅޭ މަޢުލޫމާތު މުބާރާތުގެ ގައިޑްލައިންގައި ހިމަނާފައިވާނެ ކަމަށް މަޖިލީހުގެ އިދާރާއިން މަޢުލޫމާތުދެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޖިލީހުގެ އިދާރާގެ ޕާލިމަންޓަރީ އެޑިޔުކޭޝަން ސެކްޝަނާ ގުޅުމަށް މަޖިލީހުގެ އިދާރާއިން އެދެއެވެ. މި މުބާރާތަކީ ޑިމޮކްރަސީގެ އަސާސްތައް ކުރިއެރުވުމަށާއި، ސިޔާސީ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށް ވެސް މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ.