ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރަކަށް އަލްއުސްތާޛު ޢަބްދުﷲ ޖަމީލު މޫސާ ޢައްޔަންކުރައްވައިފިއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރުކަމުގައި ކުރިން ހުންނެވި އަލްއުސްތާޛު ޢަބްދުﷲ ޙަމީދާއި އަލްއުސްތާޛު މުޙައްމަދު ސަލީމް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމާ ގުޅިގެންނެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޢަބްދުﷲ ޖަމީލު ޢައްޔަންކުރަން ނިންމަވާފައިވާކަން ޖޭއެސްސީން އިއުލާން ކުރައްވާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. ޢަބްދުﷲ ޖަމީލު ޢައްޔަންކުރުމަށް ނިންމެވީ ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ޖޭއެސްސީން ކުރި އިޢުލާނުގެ ދަށުން ކުރިމަތިލާފައިވާ ފަރާތްތަކާއި "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހުއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢަބްދުﷲ ޖަމީލު ޢައްޔަންކުރައްވާފައިވަނީ ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ މެންބަރުންގެ އަޤުލަބިއްޔަތުންނެވެ. އަދި މިއަދު ޖޭއެސްސީއިން ބޭއްވި ރަސްމިއްޔާތެއްގައި ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކޮށް، ހުވާގެ އިޤުރާރުގައި އޭނާ ވަނީ ސޮއިކޮށްފައެވެ. ޢަބްދުﷲ ޖަމީލަށް މަޤާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ހަމީދެވެ.
އަލްއުސްތާޛު ޢަބްދުﷲ ޖަމީލު މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނަރސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޢަބްދުﷲ ޖަމީލް، ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވިއެވެ. ޖަމީލް އެންމެ ފަހުން ހުންނެވީ ސިވިލް ކޯޓުގެ ޤާޟީކަމުގެ މަޤާމުގައެވެ. ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވަޑައިގެންނެވުމަށް ފަހު، ޢަބްދުﷲ ޖަމީލް ވަނީ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓަކީ ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތަކުގެ ތެރެއިން، ޤާނޫނަކުން އެ ނިންމުމެއް، ހައިކޯޓަށް ހުށަހެޅުން އިސްތިސްނާކޮށްފައި ނުވާ އެންމެހައި ނިންމުންތައް އިސްތިއުނާފު ކުރެވޭކޯޓެވެ. ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގައި މައްސަލައެއްގެ ފުރަތަމަ މަރުޙަލާގެ ކޯޓަކީ ހައިކޯޓު ކަމުގައި ކަނޑައަޅާފައިވާ އެންމެހައި މައްސަލަތައްވެސް ބަލާނީ ހައިކޯޓުންނެވެ.
ހައިކޯޓުން މައްސަލަތައް ބަލައި ނިންމާނީ އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުން ކަމަށް ޤާނޫނު އަސާސީގައި ބުނެފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ހައިކޯޓު އެކުލެވިގެންވަނީ އިސްފަނޑިޔާރާއި އެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢަބްދުﷲ ޖަމީލު މޫސާ ޢައްޔަންކުރައްވުމާއެކު އެ ކޯޓުގައި މިވަގުތު ތިއްބަވާ މެންބަރުންނަކީ، އެ ކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލްއާއި، ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒްއާއި، ފަނޑިޔާރު އަލްއުސްތާޛު ޙުސައިން މަޒީދުއާއި، ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢުއާއި، ފަނޑިޔާރު އަލްއުސްތާޛާ ފާޠިމަތު ފަރްހީޒާއާއި، ފަނޑިޔާރު އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދާއި، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިންއާއި، އަލްއުސްތާޛާ ދީބާނާޒް ފަހުމީ އަދި އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲއެވެ.