ކުރުދީންނާ ގުޅުން އޮތް ހަތިޔާރު އެޅި ޖަމާޢަތް، ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފު)ން ސޫރިޔާގެ އަސްކަރީ މަރުކަޒަކަށް ޙަމަލާ ދީފައިވާ ކަމަށް އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ތުހުމަތު ކޮށްފިއެވެ. އެ ވުޒާރާއިން ބުނީ، ސޫރިޔާގެ އުތުރުގެ ރަށެއްގައި ހުރި އަސްކަރީ މަރުކަޒަކަށް އެސްޑީއެފުން ދީފައިވާ ރޮކެޓު ޙަމަލާތަކުގައި ސިފައިންގެ ހަތަރު މީހުންގެ އިތުރުން ޢާންމުންގެ ތިން މީހަކު ޒަޚަމުވި ކަމުގައެވެ.
ރޮކެޓު ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ސޫރިޔާގެ އުތުރުގައި އޮތް މަންބަޖްގެ ރަށްބޭރުގައި އޮންނަ އަސްކަރީ މަރުކަޒަކަށެވެ. ސޫރިޔާގެ ދައުލަތުގެ މީޑިޔާ، ސަނާއިން ބުނީ، އެސްޑީއެފްގެ ރޮކެޓު ޙަމަލާތައް ދިފާޢު ކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ކޮށްފައިވާ މަސައްކަތްތައް ނާކާމިޔާބުވެފައިވާ ކަމުގައެވެ. ނަމަވެސް، އަސްކަރީ މަރުކަޒު ކައިރީގައި ޢާންމުން ދިރިއުޅޭ އަވަށްްތަކަށް ޙަމަލާ ދިނުމުގެ ފަހަތުގައިވާ މީހުން ހޯދައި، ފިޔަވަޅު އެޅުމަށް ސިފައިން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ސަނާއިން ރިޕޯޓު ކުރިއެވެ.
އެސްޑީއެފަކީ އެމެރިކާއިން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތެކެވެ. އެ ޖަމާޢަތުން ބުނީ، މަންބަޖްގެ ރަށްބޭރުގައި ޢާންމުން ދިރިއުޅޭ ރަށްތަކަށް އަމާޒުކޮށް އާޓިލަރީ ބަޑީގެ ޙަމަލާތަކެއް ދީފައިވާ ކަން ދެނެގަނެވިފައިވާ ކަމަށާއި، އެ ޙަމަލާތަކަށް ރައްދު ދިނުމަށް އެ ޖަމާޢަތުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އެ ސަރަޙައްދުތަކަށް ޙަމަލާ ދިނުމުގެ ފަހަތުގައި އޮތީ، ސޫރިޔާގެ ސަރުކާރާ ގުޅުން އޮތް ހަތިޔާރު އެޅި ގުރޫޕުތައް ކަމުގައި އެސްޑީއެފުން ތުހުމަތު ކުރެއެވެ. އެ ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައިވާ ކަން އެސްޑީއެފުން ކަށަވަރު ކޮށްދީފައެއް ނެތެވެ.
ސޫރިޔާގައި މި ވަގުތު ވެރިކަން ކުރަނީ ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ންނެވެ. ބަޣާވާތެއް ކޮށް، ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ވައްޓައިލައި، އެޗްޓީއެސުން ވެރިކަން ފޭރިގަނެފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. އެޗްޓީއެސްގެ ވަގުތީ ސަރުކާރުގެ ރައީސް ކަމުގެ މަޤާމު ފުރަމުން ދަނީ އެ ޖަމާޢަތުގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢެވެ.
އެޗްޓީއެސްގެ ސަރުކާރުން ވަނީ ސޫރިޔާގެ އަސްކަރިއްޔާ އަލުން އެކުލަވައިލާފައެވެ. އަދި، އަސްކަރިއްޔާއާ ގުޅުމުގެ ފުރުޞަތު، ސޫރިޔާގައި ހަރަކާތްތެރިވަމުންދާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ހުޅުވައިލާފައެވެ. އެ ހުށަހެޅުން ބަލައިގަނެ، އެސްޑީއެފުން ވެސް ވަނީ ސޫރިޔާގެ އަސްކަރިއްޔާއާ ގުޅުމަށް މާރިޗު މަހު ނިންމައި، ސަރުކާރާ އެކު އެއްބަސްވުމެއް އެކުލަވައިލާފައެވެ.
ސޫރިޔާގެ އިރުއުތުރުގެ ބޮޑު ސަރަޙައްދުތަކެއް އަދިވެސް އޮތީ އެސްޑީއެފްގެ ބާރުގެ ދަށުގައެވެ. އެ ޖަމާޢަތުން އެ ސަރަޙައްދުތަކަށް ވެރިވެގަނެފައި ވަނީ 2015ވަނަ އަހަރުގެ ތެރޭގައެވެ. އެސްޑީއެފުން ސޫރިޔާގެ އަސްކަރިއްޔާއާ ގުޅުމަށް ވެފައިވާ އެއްބަސްވުން ތަންފީޒު ކުރެވިއްޖެ ނަމަ، އެ ޖަމާޢަތުގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކުގެ ވެރިކަން ވެސް އެޗްޓީއެސްގެ ސަރުކާރަށް ލިބިގެންދާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.