ޚަބަރު

އިތުރު މުސްލިމް ޤައުމުތައް ޔަހޫދީ ދައުލަތް ބަލައިގަތުމަށް ޓްރަމްޕް ބާރުއަޅަނީ


ޒަޔަނިސްޓު އިސްރާއީލްގެ ދައުލަތް ބަލައިގަނެފައިވާ މުސްލިމް ޤައުމުތައް އިތުރު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަށްޓަވާފައިވާ މަސައްކަތްތަކުގެ ދަށުން ޔަހޫދީންގެ ދައުލަތް ބަލައިގަތުމަށް އަޒަރްބައިޖާނަށް ބާރު އަޅުއްވަމުން ގެންދަވާ ކަން ހާމަވެއްޖެއެވެ. ޔަހޫދީ ދައުލަތް ބަލައިގަތުމަށް މެދުތެރޭ އޭޝިޔާގެ ޤައުމެއް ކަމުގައިވާ އަޒަރްބައިޖާނަށް ބާރު އެޅުއްވުމުގެ ގޮތުން ޓްރަމްޕް ގެންދަވަނީ އެބްރަހަމް އެކޯޑްސް ނުވަތަ 'އިބްރާހީމް އެއްބަސްވުމު'ގައި އެ ޤައުމު ބައިވެރިި ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. އަޒަރްބައިޖާންގެ އިތުރުން މެދުތެރޭ އޭޝިޔާގެ އިތުރު ޤައުމުތައް އެ އެއްބަސްވުމުގައި ބައިވެރިވުމަށް ވެސް ޓްރަމްޕް ގެންދަވަނީ ބާރު އަޅުއްވަމުންނެވެ.

ޓްރަމްޕަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ. އަދި، މުސްލިމް ޤައުމުތަކާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު ބައިވެރިޔާއެވެ. އިބްރާހީމް އެއްބަސްވުން އެކުލަވައިލާފައި ވަނީ 2020ވަނަ އަހަރާއި 2021ވަނަ އަހަރުގެ ތެރޭގައި، ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައެވެ. އެ އެއްބަސްވުމުގެ ބޭނުމަކީ، ޢަރަބި އަދި މުސްލިމް ޤައުމުތަކާއި ޔަހޫދީންނާ ދެމެދު ގުޅުން ބަދަހި ކުރުވުމެވެ. އަދި، އެ ޤައުމުތަކުން ޔަހޫދީންގެ ދައުލަތް ބަލައިގަނެ، ޔަހޫދީންނާ އެކު ޚާރިޖީ ގުޅުން ޤާއިމު ކުރުވުމެވެ.

މެދުތެރޭ އޭޝިޔާގެ ގިނަ ޤައުމުތަކެކޭ އެއްފަދައިން އަޒަރްބައިޖާނުން މިހާރު ވެސް ދަނީ ޔަހޫދީ ދައުލަތާ ގުޅުން ބަދަހި ކުރަމުންނެވެ. އަދި، އިބްރާހީމް އެއްބަސްވުމުގައި އަޒަރްބައިޖާނުން ބައިވެރިވުމަކީ އެމެރިކާއާއި ޔަހޫދީންނަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ޓްރަމްޕް ޤަބޫލު ކުރައްވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. އަޒަރްބައިޖާނުން އިބްރާހީމް އެއްބަސްވުމުގައި ބައިވެރިވެއްޖެ ނަމަ، އެ ޤައުމާއި ޔަހޫދީންނާ ދެމެދު އަސްކަރީ އަދި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ ދޮރު ހުޅުވިގެންދާނެއެވެ.

ޓްރަމްޕްގެ އެންމެ ބޮޑު މަޤުޞަދަކީ މެދުއިރުމައްޗާއި މުސްލިމް ޤައުމުތަކުގެ ތެރެއިން ބާރާއި ނުފޫޒު ގަދަ ޤައުމުތަކުން ޔަހޫދީންނާ ގުޅުން ބަދަހި ކުރުވުމެވެ. ޔަހޫދީންގެ ދައުލަތް ބަލައިގަނެ، ޚާރިޖީ ގުޅުން ޤާއިމު ކުރުވުމެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ސަޢޫދީ ޢަރަބިއްޔާއެވެ. ނަމަވެސް، ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ޔަހޫދީން އިންކާރު ކުރަމުންދާ ނަމަ، އެ މީހުންނާ ގުޅުން ބަދަހި ކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ދަނީ ދެކޮޅު ހަދަމުންނެވެ.

ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާ ގުޅިގެން ވެސް ޢަރަބި ޤައުމުތަކުން ވަނީ ޔަހޫދީންނާއި އެމެރިކާއާ މެދު ރުޅިވެރިވެފައެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 60,000އަށް އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 142,000އަށް އަރައެވެ. ޣައްޒާގެ ރައްޔިތުން ހައިހޫނުގައި ޖެއްސުމަށް ވެސް ޔަހޫދީން ދަނީ ޓްރަމްޕްގެ ސަރުކާރާ ގުޅިގެން ޖަރީމާތަކެއް ހިންގަމުންނެވެ.

ޔަހޫދީންގެ ޖަރީމާތަކާ މެދު ބައިނަލްއަޤްވާމީ މުޖުތަމަޢުން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ޣައްޒާ ޤަތުލުޢާންމު ހުއްޓަައިލަން ޔަހޫދީން އިންކާރު ކުރަމުންދާތީ، ހުޅަނގުގެ ބައެއް ބާރުތަކުން ވަނީ ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅުތައް އެޅުމަށް ނިންމާފައެވެ. މި ގޮތުން، ފަލަސްޠީނަކީ މިިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ހުޅަނގުގެ ބައެއް ބާރުތަކުން ނިންމާފައިވާއިރު، އޭގެ ތެރޭގައި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ އިތުރުން ކެނެޑާ ހިމެނެއެވެ. ސެޕްޓެންބަރު މަހު ނިއު ޔޯކްގައި ބާއްވާ އެކުވެރި ދައުލަތްތައް (އދ)ގެ ޢާންމު މަޖިލީހުގެ ޖަލްސާގައި ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަނެ، ރަސްމީކޮށް އިޢުލާނު ކުރާނެ ކަމުގައި އެ ތިން ޤައުމުން ވަނީ ބުނެފައެވެ. މިއީ ޔަހޫދީންނާއި އެމެރިކާއަށް ހަޖަމު ކުރެވޭނެ ކަމެއް ނޫނެވެ.