ޚަބަރު

ބޭރުގެ ގުޅުންތައް ރަނގަޅުވެ އުފެދޭ ސުލްޙަމަސަލަސްކަމުގެ ފައިދާ ކުރާނީ ރައްޔިތުންނަށް: މަތީން


  • ޚާރިޖީ ގުޅުންތަކުގެ ތެރެއިން މުހިންމު ކާމިޔާބީތަކެއް ވަނީ ހޯދާފައި

  • ބޭރުގެ ގުޅުންތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިފި

ޤައުމަތަކާއި އޮންނަ ގުޅުން ރަނގަޅުވެ އުފެދޭ ސުލްހަ މަސަލަސްކަމުގެ ފައިދާ ކުރާނީ އާންމު ރައްޔިތުންނަށްކަމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ. މަތީން މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި، އިންޑިއާއި ސްރީލަންކާގެ ވެރިން ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެއެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވީ ދިވެހިންނާއި އަވައްޓެރި ޤައުމުތަކާ އޮންނަ ގުޅުމަކީ ވަރަށް ޒަމާންވީ ގުޅުމެއްކަމަށެވެ. އެކަން ތާރީހަށް ބެލިކަމުގައިވީނަމަވެސް ފެންނާނެކަމަށް މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ ދިވެހިންނަކީ އަވައްޓެރިންނާއެކު އޮތް ގުޅުން އަބަދުވެސް ދަމަހައްޓަމުން އަންނަ ބައެއްކަަމަށާއި، އަވައްޓެރިންނަށް ކުރަން ޖެހޭ އިހުތިރާމް އުސޫލުގެ ތެރެއިން ކުރަމުން އަންނަ ބައެއްކަމަށެވެ. އަވައްޓެރިކަމުގެ އިން ފަހަނައަޅައި ނުދާހާ ހިނދަކު އެބަޔަކަށް ދޭން ޖެހޭ އިހްތިރާމް ދީގެ އުޅުމަކީ ދަމަހައްޓަން ޖެހޭ ސަގާފަތެއްކަމަށް މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ބޭރުގެ ގުޅުންތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށެވެ. އެގޮތުން ސްރީލަންކާގެ ރައީސް އަދި އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެން މިނިވަން ދުވަހުގެ އެކި ހަރަކާތްތަކުގައި ބައިވެރިވުމަކީ އެކަމުގެ ހެއްކެއްކަމަށްވެސް މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ ބަސް ބުނަންޖެހޭ ތަނުގައި ބަސް ބުނިކަމުގައިވީނަމަވެސް އަވައްޓެރި ޤައުމުތަކުން ރާއްޖެއިން ކަނޑައަޅާފައިވާ ހަމަތައް ފަހަނައަޅައި ނުދާހާ ހިނދަކު ކޮންމެ ޤައުމަކަށްވެސް ލިބެންވާ އިހްތިރާމް ރާއްޖެއިން ދެމުންދާކަމަށާއި، އެގޮތުން މިސަރުކާރުން ޚާރިޖީ ގުޅުންތަކުގެ ތެރެއިން މުހިންމު ކާމިޔާބީތަކެއް ހޯފާފައިކަމަށް މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ ޤައުމުތަކާއެކު އޮންނަ ބައެއް ނުތަނަވަސްކަން ފިލާ އެކުވެރިކަމުގެ މާހައުލެއް އައުމަކީ ދިވެހިންނަށް ލިބިގެންދާނެ ފަސޭހައަކާއި ކާމިޔާބިއެއްކަމަށާއި، އެގޮތުން ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުމާއި ސުލްހަމަސަލަސްކަމުން ލިބޭ ފައިދާ ކުރާނީ އާންމު ރައްޔިތުންނަނަށްކަމަށެވެ.

"ސުލްހަ މަސަލަސްކަމާއި އެކުވެރިކަމާއި އެއްބާރުލުމުގެ ފައިދާ ކުރާނީ އާންމު ރައްޔިތުންނަށް. އާންމު ރައްޔިތުންގެ ހައްގުގައި ޕޮލިސީއަށް ގެންނަން ޖެހޭ ބަދަލެއް ގެނެސް ސަލާމްކުރާ މީހަކާއި ސަލާމް ކުރެވިގެން އެކުވެރިކަން ބަދަހި ކުރުމަކީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެއީ ވަރަށް ބޮޑު ކާމިޔާބީއެއް. އެއީ އަޅުގަނޑުމެންގެ މިސްރާބަކަށް ވާންޖެހޭނީ. އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފާވެރިކަމުގެ ޚަބަރެއް." މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހު ފެނިގެން ދިޔައީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވާފައިވާ ރަތް ރޮނގު އަވައްޓެރިން ބަލައިގަނެފައިވާންތަންކަމަށެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހޯދެއްވި ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވިއެވެ.