ޚަބަރު

ފަރަށް އަރާ ގެއްލުންވި ދޯންޏެއްގައި ތިބި މީހުން ސަލާމަތްކޮށްފި


  • މިއީ މަނަފަރުން ތިލަފުއްޓަށް ކުނި އުފުލާ ދޯންޏެއް

  • ދޯނީގައި ތިބި 3 މީހުން ވަނީ ހޮޅުދުއަށް ގެންގޮސްފަ، ހާލު ރަނގަޅު

ހއ.އަތޮޅުގެ ރިސޯޓަކުން ކުނި ބަރުކޮށްގެން ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއް ފަރަށް އަރާ، އެއިން ދަތުރުކުރި މީހުންނަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ހއ. އަތޮޅުގައި އޮންނަ މަނަފަރު ރިޒޯޓުން ކުނި ބަރުކޮށްގެން ކ. ތިލަފުއްޓަށް ދަތުުރުކުރަމުންދަނިކޮށް ފަރަށް އެރީ "ގުރުވަ 1" ނަކަމަށް ކިޔާ ދޯންޏެކެވެ.

ދިވެއްސަކާއި ދެ ބިދޭސީންނާ އެކު ދަތުރުކުރި އެ ދޯނި، ނ.ކުޑަރަށް ކައިރިން ފަރަށް އެރި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ ރޭގެ 23:24 ހާއިރުއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް ވަނީ އެ ސަރަހައްދަށް ދަތުރުކޮށް، ދޯނިން ދަތުރުކުރި ތިން ފަޅުވެރިން ހާބަރކްރާފްޓްއަށް ނަގާ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެމްއެންޑީއެފްއިން ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާ އެކު ފަޅުވެރީން މިއަދު ހެނދުރު 08:45 ހާއިރު ނ.ހޮޅުދޫއަށް ގެންގޮސްދީފައިވާ އިރު، އެ އެންމެންގެ ވެސް ހާލު ރަނގަޅުކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

ފަރަށް އެރި ދޯންޏަށް ވަރަށް ބޮޑަށް ލޮނު އަރާ، ވަނީ އެކިވަރުގެ ގެއްލުންތައްވެފައެވެ.