ޚަބަރު

ނިއުޔޯކް ޑެކްލެރޭޝަނަކީ ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށް ޤައުމުތަކުން ދޭ އެއްބާރުލުމުގެ ފާޅުކަން ބޮޑު ހެއްކެއް: ރައީސް


  • ޑެކްލެރޭޝަންގެ ސަަބަބުން ފަލަސްޠީނަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ދެމެހެއްޓެނިވި ގޮތްތަކެއް ހޯދައިދިނުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް ރައީސް ވިދާޅުވި

"ނިއުޔޯކް ޑެކްލެރޭޝަން"އަކީ، ފަލަސްޠީނުގެ ރައްޔިތުންގެ ދާއިމީ ސިޔާދަތަށާއި، ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށާއި، އެ ދައުލަތަށް އ.ދ ގެ ފުރިހަމަ މެންބަރުކަން ދިނުމަށް، ބައިނަލްއަޤުވާމީ މައިދާނުން ދޭ އެއްބާރުލުމުގެ ފާޅުކަން ބޮޑު ހެއްކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސުލްޙަވެރިގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާއި، ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާ ގުޅޭ ޤަރާރު، "ނިއުޔޯކް ޑެކްލެރޭޝަން" ބަލައިގަތުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ބަޔާނުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަޢޫދީ ޢަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގައި އ.ދގައި ކުރިއަށްގެންދިޔަ "ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް ފޯ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެސްޝަން އޮފް ޕަލަސްޓައިން އެންޑް ދި އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ - ސްޓޭޓް ސޮލިއުޝަން"ގެ ނަތީޖާ ކަރުދާސް ކަމުގައިވާ، ސުލްޙަވެރިގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާއި ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާ ގުޅޭ ޤަރާރު "ނިއުޔޯކް ޑެކްލެރޭޝަން" ބަލައިގަތުމަކީ އެމަނިކުފާނުގެ ސަރުކާރުން މަރުޙަބާ ކިޔާކަމެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، "ނިއުޔޯކް ޑެކްލެރޭޝަން"އަކީ، ފަލަސްޠީނުގެ ރައްޔިތުންގެ ދާއިމީ ސިޔާދަތަށާއި، ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށާއި، އެ ދައުލަތަށް އ.ދ ގެ ފުރިހަމަ މެންބަރުކަން ދިނުމަށް، ބައިނަލްއަޤުވާމީ މައިދާނުން ދޭ އެއްބާރުލުން ފެނިގެންދާ ފާޅުކަން ބޮޑު ހެއްކެއްކަމަށެވެ. އަދި އެއީ، އިސްރާއީލުން ފަލަސްޠީނަށް ކެނޑިނޭޅި ދެމުންދާ ޙަމަލާތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ދެމެހެއްޓެނިވި ގޮތްތަކެއް ހޯދައިދިނުމަށާއި، ފަލަސްޠީނުގެ އިޤްތިޞާދީ ޤާބިލުކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެއްބާރުލުން ދިނުމަށް، ބައިނަލްއަޤުވާމީ މައިދާނުން އެކަށައެޅި ވަރުގަދަ އިލްތިޒާމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން އަބަދުވެސް ޤަބޫލުކުރާ ހަމައަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ޤުދުސް ހިމެނޭހެން، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދ.ގެ ގުޅުންހުރި ޤަރާރުތަކާ އެއްގޮތްވާގޮތުގެ މަތިން ފަލަސްޠީނުގައި މިނިވަން، މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ތަކުރާރުކުރެއްވިއެވެ. އަދި އެކަމުގައި، ދިވެހި ސަރުކާރާއި ރައްޔިތުން ސާބިތުކަމާއެކު އެއްބާރުލުން ދެމުންގެންދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާވަނީ ދެއްވާފައެވެ.

ސަޢޫދީ ޢަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގައި އ.ދ ގައި ކުރިއަށްގެންދިޔަ "ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް ފޯ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެސްޝަން އޮފް ޕަލަސްޓައިން އެންޑް ދި އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ - ސްޓޭޓް ސޮލިއުޝަން" ކުރިއަށް ގެންގޮސްފައިވަނީ ޖުލައި މަހުގެ 28 އިން 30 ހުގެ ނިޔަލަށެވެ. މި ކޮންފަރެންސާއެކު ދުނިޔޭގެ ބޮޑެތި ޤައުމުތަކާއި ހުޅަނގުގެ ޤައުމުތަކުންވެސްދަނީ ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށް ބާރުއަޅައި ވަކާލާތުކުރަމުންނެވެ.