ޚަބަރު

އީރާނުގެ ޝިޕިންގ ވިއުގައާ ދެކޮޅަށް އެމެރިކާގެ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް


އީރާނުގެ ނިޔުކްލިޔަރ ޕްރޮގްރާމު ހުއްޓުވުމަށް އެމެރިކާއިން ކުރިމަތިކުރަމުންދާ ފިއްތުންތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، އީރާނުގެ ސަރުކާރާ ގުޅުން ހުރި ޖުމްލަ 115 މީހުންނާއި، ވިޔަފާރި އަދި އުޅަނދުތަކަކާ ދެކޮޅަށް އެމެރިކާގެ މާލީ އިދާރާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން މި ފަހަރު އެޅި ދަތިކުރުމުގެ ފިޔަވަޅުތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ، އީރާނުގެ ރޫހާނީ ވެރިޔާ އާޔަތުالله ޢަލީ ޚާމަނާއީގެ މުޝީރެއް ކަމަށްވާ އަލީ ޝަމްޚާނީގެ ދަރިކަލުން މުޙައްމަދު ޙުސެއިން ޝަމްޚާނީގެ ޝިޕިންގ ވިޔަފާރިތަކަށެވެ. އެމެރިކާގެ ޓްރެޜަރީން ބުނީ މިއީ 2018 ވަނަ އަހަރަށްފަހު، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ވެރިކަމުގައި އީރާނާ ގުޅުންހުރި ވިޔަފާރިތަކާ ދެކޮޅަށް އެޅި ދަތިކުރުމުގެ އެންމެ ވަރުގަދަ ފިޔަވަޅު ކަމަށެވެ.

ޓްރެޜަރީން ބުނާ ގޮތުގައި، އީރާނާއި ރަޝިޔާގެ ތެލާއި މުދާ ވަގަށް ވިއްކުމަށް ބޭނުންކުރަނީ ޝަމްޚާނީ އިސްވެ ހުންނެވި، ކޮންޓެއިނަރު ބޯޓުތަކާއި ޓޭންކަރުތަކުގެ ފުޅާ ނެޓްވޯކެކެވެ.

މި ވިޔަފާރިތަކުން އެތައް ބިލިއަން ޑޮލަރެއްގައި ފައިދާ ހޯދައިގެން، ޝަމްޚާނީ އެ ފައިސާ ބޭނުންކުރަނީ އީރާނުގެ ސަރުކާރު ދެމެހެއްޓުމަށް ކަމަށް އެމެރިކާއިން ވަނީ ތުހުމަތުކޮށްފައެވެ.

ޖުމްލަކޮށް ބަލާއިރު އައު ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒު އަމާޒުކޮށްފައިވަނީ، ޕެނަމާއިން ފެށިގެން އިޓަލީވިލާތާއި ހޮންގކޮންގއާ ހަމައަށް، ޖުމްލަ 17 ޤައުމެއްގައި ހަރަކާތްތެރިވާ 52 އުޅަނދަކާއި، 12 ފަރުދަކާއި 53 ކުންފުންޏަކަށެވެ.

އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ އާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް ތެޔޮ ވިއްކުމަށް "ވަރަށް ދަތިވާނެ" ކަމަށާއި ނަމަވެސް ދުނިޔޭގެ ތެލުގެ ބާޒާރަށް މާބޮޑު ލޮޅުމެއް އަންނާނެކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، އީރާނުގެ ތެލުގެ ވިޔަފާރިއަށް އަމާޒުކޮށްގެން ޓްރަމްޕްގެ ސަރުކާރުން މީގެ ކުރިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އަހަރު ފެށުނުއިރު ދުވާލަކު 1.8 މިލިއަން ފީފާ ތެޔޮ ބޭރުކުރަމުން އައި އިރާނުން ތެޔޮ ބޭރުކުރެވޭ މިންވަރު، ދުވާލަކު ގާތްގަނޑަކަށް 1.2 މިލިއަން ފީފާއަށް މިހާރު ވެސް ދަށްވެފައިވާ ކަމަށެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނަކު ވަނީ، މި ދަތިކުރުމުގެ ފިޔަވަޅުތަކަކީ އީރާނާ މެދު އެމެރިކާއިން ގެންގުޅޭ ޢަދާވާތްތެރިކަމުގެ ސާފު މިސާލެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

ރަޝިޔާއަށް ތެލުގެ ވިޔަފާރިކޮށްދޭ ކަމަށް ބުނެ، ވިލާތުގެ ޤައުމުތައް ހިމެނޭ އިއްތިހާދު، އީޔޫން ވެސް މި މަހު ޝަމްޚާނީ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.

ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، ޓްރަމްޕްގެ އަމުރަށް އެމެރިކާގެ އަސްކަރިއްޔާއިން ޖޫން 22ވަނަ ދުވަހު އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދިނެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހިންގާ މައި މަރުކަޒުތަކަށެވެ.

އެ ޙަމަލާތަކަށްފަހު، އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމު އަލުން ފަށަން މަސައްކަތްކޮށްފިނަމަ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ތަކުރާރުކޮށް ދެއްވައިފައެވެ.