އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އެތެރެކުރެވޭނީ ސިއްޙަތުގެ އިންޒާރު ސީދާ ޕެކޭޖްގެ ބޭރަށް ޗާޕުކޮށްގެންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ވިދާޅުވެއްޖެއެވެ.
ދުންފަތާއި ދެކޮޅަށް ސަރުކާރުން ގެންދަވަނީ ހަރުކަށި ފިޔަވަޅުތައް އަޅުއްވަމުންނެވެ. މިގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް 2007ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މިހާރުވަނީ މަނާކޮށްފައެވެ. އަދި ދުންފަތުގެ ބައެއް ބާވަތްތަކުގެ ޑިއުޓީ ބޮޑުކޮށްފައިވާއިރު އިލެކްޓްރޯނިކް ވޭޕްއާއި އޭގެ އެކި އާލާތްތައް ރާއްޖެއަށް އެތެރެކުރުމާއި ވިޔަފާރިކުރުމާއި ބޭނުންކުރުންވެސްވަނީ މަނާކޮށްފައެވެ. މިއާއެކު ވޭޕް ބޭނުންކުރާ ފަރާތްތަކާއި މެދު ފުލުހުން ގެންދަވަނީ ޤާނޫނުގައި ބަޔާންކުރާ ފަދައިން ފިޔަވަޅު އަޅަމުންނެވެ.
އެޗްޕީއޭއިން ވިދާޅުވީ ދުންފަތުގެ ބާވައްތައް ޕެކެޓްކޮށް ލޭބަލް ޖެހުމަށް "ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނޫ" އަދި އެ ޤާނޫނޫ ދަށުން އާންމުކޮށްފައިވާ "ދުންފަތް ކޮންޓްރޯލް ކުރުމާއި ގުޅޭ ގޮތުން އާންމުކޮށްފައިވާ ގަވައިދު"ގެ ފަސްވަނަބާބު ބަޔާންކުރާގޮތުގައި ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވައްތަކާއި ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވައްތައް ހިމެނޭ އުފެންދުންތައް ހުންނަންވާނެ ގޮތްތަކެއް ވަނީ ކަނޑައަޅާފައެވެ.
ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ގުޅޭ. pic.twitter.com/RDgSzC4n1b
— Health Protection Agency (@HPA_MV) July 31, 2025
އަދި ދުންފަތުގެ ބާވައްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ "ޑިޒައިން އެންޑް ލޭއައުޓް ރިކުއަރމަންޓުސް ފޮރ ހެލްތު ވޯރނިންގ"ގެ ފުރަތަމަ އިސްލާހު 2025 ޖުލައި 29 ވަނަ ދުވަހު ވަނީ ގެޒެޓްކޮށްފައިކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން މި އުސޫލަށް އިތުރު ކުރެވުނު ބައިތަކުގެ ތެރޭގައި ހީޓެޓް ޓޮބޭކޯ ޕްރޮޑަކްޓްސް އާއި ނިކޮޓީން ޕައުޗު ހިމެނޭކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.
އަދި މީގެ އިތުރުން ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖޭ ތެރެކުރެވޭނީ ސިއްހަތުގެ އިންޒާރު ސީދާ ޕެކޭޖްގެ ބޭރަށް ޗާޕުކޮށްގެންކަމަށާއި މިގޮތައް އަމަލު ކުރަން ފަށާ ތާރީހަކީ 2026 ޖަނަވަރީ 28 ގައިކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.
އެޗްޕީއޭއިން ވިދާޅުވީ މި ތާރީޚުގެ ފަހުން އެ އުސޫލުގައިވާ ގޮތް ނޫން ގޮތްތަކަށް ޕެކެޓްކޮށް ލޭބަލް ކޮށްފައިވާނަމަ ޤާނޫނާއި ޤަވައިދުގެ މަތީން އަމަލު ކުރެވޭނެކަމަށެވެ.
ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް އިސްލާޙު ގެނެސް ޢަމަލުކުރަން ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ. މިޤާނޫނާއެކު ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭގޮތުން ބޭނުންވާ މުހިއްމު ޤަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ރާއްޖޭގައި ދުންފަތާއި ގުޅޭ ވިޔަފާރިކުރާ ފަރާތްތަކުން ރާއްޖޭގައި ވިޔަފާރި ކުރުމުގެ ހުއްދައިގެ އިތުރުން، ސިއްޙަތާ ބެހޭ ވުޒާރާއިން ދޫކުރާ ވަކި ސައްޙަ ލައިސެންސެއް އޮންނަންޖެހޭނެކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.