ދިވެހިރާއްޖެއާއި ލަންކާއާ ގުޅޭ ކަނޑުގެ ސަރަހައްދުގެ މުއްސަނދިކަން ދެ ޤައުމަށް ނަފާވަނެހެން ބޭނުން ކުރުމުގެ ފުރުޞަތުއޮތް ކަމަށް ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސެނާޔަކެ ވިދާޅުވެއްޖެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ލަންކާ މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ސްރީލަންކާގެ ރައީސް ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުފުޅުގެ ތެރެއިން، ސްރީލަންކާ މޯލްޑިވްސް ބިޒްނަސް ކައުންސިލުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސެނަޔަކަ ވަނީ 2022ވަނަ އަހަރު އެ ޤައުމަށް ކުރިމަތިވި އިޤްތިޞާދީ ކާރިސާއިން އަރައިގަތުމަށް ގިނަ ފިޔަވަޅުތަކެއް އަޅައި އެކި ސިޔާސަތުތައް ތަންފީޒުކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވަނީ މި ބަދަލުތަކާއެކު ލަންކާގައި ސިޔާސީ ހަމަޖެހުން ޤާއިމްކުރެވި އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމް ކުރެވިފައިވާކަމަށް ވިދާޅުވެފައެވެ.
ދިވެހި ވިޔަފާރިތަކަށް ލަންކާގައި އިންވެސްޓުކުރުމުގެ ފުރުޞަތު އޮތް ދާއިރާތަކުގެ ތެރޭގައި، ފަތުރުވެރިކަން، މަސްވެރިކަން، ރިއަލް އެސްޓޭޓް އަދި އައިސީޓީ ހިމެނެއެވެ. އެމަނިކުފާނު ވަނީ ދެ ޤައުމުގެ ގުޅޭ ކަނޑު ސަރަހައްދަކީ ޤުދުރަތީ މުއްސަންދިކަމެއް ލިބިފައިވާ ސަރަހައްދެއް ކަމުން މި ސަރަހައްދު ދެ ޤައުމަށް ނަފާވާނެ ގޮތަށް ބޭނުން ކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދަކީ ޤުުދުރަތީ ވަސީލަތް މުއްސަންދި ސަރަހައްދެއް. އެހެންވީމަ ގުޅިގެން މަސައްކަތް ކުރެވޭނެ. ޙާއްސަކޮށް ކާބޯތަކެތީގެ ދާއިރާގެ ތެރެއިން މަހުގެ އުފެއްދުންތައް ތައްޔާރުކުރުމާއި، އެކުއަކަލްޗަރ ފަދަ ދާއިރާތަކުން. ކަނޑުގެ ވަސީލަތްތަކަށް ހަމަހަމަ ފުރުސަތުތަކެއް އޮތްއިރު، ދެމެހެއްޓެނިވިކަމަށް އިސްކަންދީގެ ދެ ޤައުމުގެ ވިޔަފާރިތައް ގުޅިގެން މަސައްކަތް ކުރެވޭނެ" ސްރީލަންކާގެ ރައީސް ވިދާޅުވިއެވެ.
ސްރީލަންކާގެ ރައީސް ވަނީ އިޤްތިޞާދީ ހާލަތުން އަރައިގަނެ، މިހާރު ޤާނޫނީ ގޮތުން އިންވެސްޓަރުންނަށް ލިބޭ ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް އައު ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަން ހާމަކުރައްވާފައެވެ.
މި ބައްދަލުވުމުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔާފަރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު، ވަނީ ރާއްޖެއާއި ލަންކާ ދެމެދު އަހަރެއްގެ މައްޗަށް 162 މިލިޔަން ޑޮލަރުގެ ވިޔަފާރިކުރެވޭކަން ފާހަގަކުރައްވާފައެވެ. އަދި އެކަމުން ދެ ޤައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުމާއި ވިޔަފާރީގެ ބަދަހި ގުޅުން ދައްކުވައިދޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑު މަރުހަބާ ކިޔަން ރާއްޖެއާއި ލަންކާގެ ވިޔަފާރިތަކަށް ވިޔަފާރި ތަރައްޤީކުރުމަށް އައު ގޮތްތަކެއް ހޯދުމަށް ކުރެވޭ މަސައްކަތައް. މިއީ އަޅުގަނޑުމެންގެ ދެ ޤައުމަށް ފައިދާކުރާނެ އަދި ސަރަހައްދީ ގޮތުން ފާގަތިކަން ލިބޭނެ މަސައްކަތަކަށް ވާނެ ކަމަށް ޤަބޫލުކުރަން" ވަޒީރު ސަޢީދު ވިދާޅުވިއެވެ.
އިޤްތިޞާދީ ވަޒީރު ވަނީ ލަންކާގެ އިޤްތިޞާދީ ހާލަތު ބަދަލުކުރުމަށް ރައީސް ޑިސެނަޔަކަ އަޅުއްވާ ފިޔަވަޅުތަކަށް މަރުޙަބާ ދަންނަވާފައެވެ. އަދި މި ފިޔަވަޅުތަކާއެކު، ލަންކާއަކީ ސަރަހައްދުގައި ބަރޯސާވެވޭ ބައިވެރިއެއްކަން ސާބިތުކޮށްދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ސްރީލަންކާގެ ރައީސް ވަނީ ލަންކާގެ ހާލަތާއި ގުޅޭގޮތުން ދިވެހި ވިޔަފާރިތަކުން ހުރި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވާފައެވެ.
މި ބައްދަލުވުމުގައި ލަންކާގެ ރައީސްގެ އަރިހުގައި ވަޑައިގެންނެވި އެ ޤައުމުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ. ދިވެހިރާއްޖޭގެ ފަރާތުން ބައްދަލުވުމުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދު، އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ރާއްޖޭގެ ވިޔަފާރިތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.