ޚަބަރު

ޕެލަސްގެ މައްސަލަ އަންނަ މަހުގެ 8 އަށް ތާވަލުކޮށްފި


ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ޔޫރޮޕާ ލީގުގެ ފުރުސަތު ކްރިސްޓަލް ޕެލަސް އަށް ނުދޭން ޔޫއެފާއިން ނިންމި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން އަންނަ މަހުގެ 8 ވަނަ ދުވަހަށް ތާވަލުކޮށްފި އެވެ.

ކުޅިވަރުގެ މައްސަލަތައް ބަލާ އެންމެ މަތީ ކޯޓުން ބުނެފައިވަނީ މި މައްސަލައިގެ އަޑު އެހުންތައް އަންނަ އޮގަސްޓް މަހުގެ 8 ވަނަ ދުވަހު ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި މައްސަލައިގެ އަޑު އެހުންތައް ކުރިއަށް ގެންދާނީ އާންމުކޮށް ހުޅުވާލައިގެން ނޫން ކަމަށާއި އެހެންކަމުން އިތުރު ފަރާތްތަކަށް މި މައްސަލައިގެ އަޑު އެހުންތަކަށް ނުވަދެވޭނެ ކަމަށެވެ.

ޔޫއެފާ އިން ޕެލަސް އަށް ޔޫރޮޕާ ލީގުގެ ޖާގަ ނުދޭން ނިންމާފައިވަނީ އެ އިދާރާގެ މަލްޓި ކްލަބް އޯނާޝިޕަށް ހަދާފައިވާ ގަވާއިދުގެ ދަށުން އެ ގަވާއިދަށް ކްރިސްޓަލް ޕެލަސް ނުފެތޭތީ އެވެ.

ޔޫއެފާގެ ގަވާއިދުގައިވާ ގޮތުން އެއް ކުންފުނިން ހިންގާ ދެ ކްލަބަކަށް ޔޫއެފާގެ އެއް މުބާރާތެއްގައި ވާދަ ނުކުރެވޭނެ އެވެ. މި ގަވާއިދުގެ ދަށުން ޕެލަސް ބޭރުކޮށްފައިވަނީ އެ ކްލަބް ހިންގާ ކުންފުނީގެ އިތުރުން ފްރާންސްގެ ލިއޯން ހިންގާ ކުންފުނީގެވެސް ހިއްސާދާރެއްގެ ގޮތުގައި ޖޯން ޓެކްސްޓާ ހުރުމުންނެވެ.

ނަމަވެސް ޓެކްސްޓާ ވަނީ ދާދި ފަހުން ލިއޯންގެ ބޯޑުން އިސްތިއުފާ ދީފަ އެވެ. އަދި ކުރިންވެސް އޭނާ ބުނެފައިވަނީ ޕެލަސްގައި އޭނާގެ ހިއްސާ އޮތް ނަމަވެސް އޭނާ އަކީ އެއްވެސް ކަމެއް ނިންމުމުގެ ބާރެއް އޮތް މީހެއް ނޫން ކަމަށެވެ.

ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނުން މީގެ ކުރިން ލިއޯން ރެލިގޭޓް ކުރަން ނިންމި ނަމަވެސް އެ މައްސަލަ އެޕީލްކުރުމުން ލިއޯން އާއި އެއްކޮޅަށް ނިމިފައިވާތީ ލިއޯން ކުރިއަށް އޮތް ސީޒަނުގައިވެސް ފްރެންޗް ލީގު ވަންގައި ވާދަކުރާނެ އެވެ.

މެންޗެސްޓަރ ސިޓީ ބަލިކޮށް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ކްރިސްޓަލް ޕެލަސް އިން ހޯދުމާއިއެކު އެ ޓީމަށް ކުރިއަށް އޮތް ސީޒަނުގައި ޔޫރޮޕާ ލީގުން ފުރުސަތު ލިބޭނެކަމަށް އޮތީ ބެލެވިފަ އެވެ. ނަމަވެސް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ އިން ވަނީ ކްރިސްޓަލް ޕެލަސް ޔޫރޮޕާ ލީގުން ބޭރުކޮށް ކޮންފަރެންސް ލީގަށް އެ ޓީމު ބަދަލުކޮށްފަ އެވެ.

ޕެލަސް އަށް ޔޫރޮޕާ ލީގުގެ ފުރުސަތު ނުދީ އެ ޖާގަ ދީފައިވަނީ ހަތްވަނައިގައި މިދިޔަ ސީޒަން ނިންމާލި ނޮޓިންހަމް ފޮރެސްޓަށެވެ.