ޚަބަރު

ފައިނަލް މެޗު ދިޔައީ އުއްމީދުކުރި ގޮތަކަށް ނޫން، ޗެމްޕިއަންސް ލީގަށް ނިކުންނާނީ ފުލް ގިޔަރުގައި: ރީތި ރަށް


ރިސޯޓް ވޮލީބޯޅަ ލީގު 2025 ގައި އުއްމީދުކުރީ ސީދާ ތިން ސެޓުން ފޯ ސީޒަން ކުޑަހުރާ ބަލިކޮށް ޗެމްޕިއަންކަން ހޯދުމަށް ކަމަށް ނޯތު މާލޭ ލީގުގެ ޗެމްޕިއަން ޓީމު ވަން އެން އޮންލީ ރީތި ރަށުގެ ކޯޗު ސްމިތު ޖަޔަލާލް ބުނެފިއެވެ.

ފައިނަލް މެޗަށްފަހު ޕީއެސްއެމް ނިއުސްއަށްދިން އިންޓަވިއުއެއްގައި ސްމިތު ބުނީ ފޯސީޒަނުން ދެއްކީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށާއި ފަސް ސެޓަށް ކުޅެން ޖެހުނީ ރީތިރަށަށް ހެދުނު ކުދި ކުދި ގޯސްތަކެއްގެ ސަބަބުން ކަމަށެވެ.

ސެމީފައިނަލްގައި ފޯސީޒަނުން ދެއްކި ކުޅުމާއި ހިލާފަށް ފައިނަލް މެޗުގައި ދެއްކީ ވަރަށް މޮޅު ކުޅުމެއް ކަމަށާއި ރީތިރަށަށް އެ މެޗުަގައި އުނދަގޫވީ އެހެންވެ ކަމަށް ކޯޗު ބުންޏެވެ.

ރީތިރަށް ފައިނަލާއި ހަމައަށް އައީ އެންމެ ގިނަ ޕޮއިންޓާއެކު އެއްވަނަ ޓީމުގެ ގޮތުގައެވެ. ވަރަށް ވާދަވެރި މެޗަކަށްފަހު 3-2 ސެޓުން ފޯސީޒަން ކުޑަހުރާ ބަލިކޮށް ރީތިރަށުން ނޯތު މާލޭ ޒޯނުގެ ޗެމްޕިއަންކަން ހޯދި އިރު މިއީ މި މުބާރާތުގައި ރީތި ރަށުން ބައިވެރިވި ފުރަތަމަ މުބާރާތެވެ.

ސްރީލަންކާގެ ކޯޗު ސްމިތު ބުނީ ރީތިރަށުގެ ކުޅުންތެރިން ސްޓަޑީކޮށް ޗެމްޕިއަންސް ލީގަށް މާ ވަރުގަދައަށް ތައްޔާރުވާނެ ކަމަށެވެ. ޗެމްޕިއަންސް ލީގަށް ކުޅުންތެރިންނަށް ދޭން ޖެހޭ ޓްރޭނިންގތައް ދޭނެ ކަމަށްވެސް ކޯޗު ބުންޏެވެ.

ރީތިރަށުގެ ކެޕްޓަން އަޙްމަދު ނަބީލް ބުނީ ފައިނަލް މެޗު ކުޅެން ޖެހުނީ ވަރަށް ޕްރެޝަރުގައި ކަމަށެވެ. އެ މެޗު އެހާ ވާދަވެރިކޮށް ދިޔައީ އެ ޕްރެޝަރާއި ހެދި ކަމަށް އޭނާ ބުންޏެވެ.

ނަބީލް ބުނީ ރީތިރަށުގެ ޓީމު ވޯކާއި ކުޅުންތެރިންގެ މެންޓަލް ފިޓްނެސްވެސް ވަރަށް ރަނގަޅު ކަމަށާއި އެއީ ގޮވައިގެން އުޅެން ވަރަށް ފަސޭހަ ޓީމެއް ކަމަށެވެ. އަދި ހުރިހާ ކުޅުންތެރިންވެސް ވަރަށް ބުނާގޮތް ހަދާ ކަމަށާއި ގަަޑިއަށް ފަރިތަކުރުންތަކަށް އަންނަ ކަމަށެވެ.

އަދި ކުރިޔަށް އޮތް ޗެމްޕިއަންސް ލީގަށް ރީތިރަށް ނިކުންނާނީ ފުލް ގިޔަރުގައި ތަށި ނަގަން ކަމަށް ނަބީލް ބުންޏެވެ.

ރިސޯޓް ވޮލީ ލީގުގައި ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ބަރާބަރަށް ކަމަށާއި އެ ރިސޯޓްގެ މެނޭޖްމެންޓަކީ ކުޅުންތެރިންނަށް ކަންކަން ފަހިކޮށްދިނުމުގައި ވަރަށް ރަނގަޅު ރިސޯޓެއް ކަމަށާއި މެނޭޖްމެންޓަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށްވެސް ނަބީލް ބުންޏެވެ.