ޚަބަރު

ހަފްތާއެއް ތެރޭ މަސްވެރިންނަށް 8.4 މިލިޔަން ރުފިޔާ ދޫކޮށްފި


  • މިދިޔަ ހަފްތާގައި މިފްކޯއަށް 230 ދޯންޏަކުން ވަނީ މަސްކިރުވާފަ

  • މިދިޔަ ހަފްތާގައި މަސްވެރިންނަށް 8,424,733 ރުފިޔާ ދޫކޮށްފައިވޭ

މިދިޔަ ހަފްތާގައި މަސްވެރިންނަށް 8.4 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ 230 ދޯންޏަކުން ކިރުވާފައިވާ މަހަށް ދޫކޮށްފައިވާ ފައިސާކަމަށް މިފްކޯއިން ވިދާޅުވެއެވެ.

ސަރުކާރުގެ މަސްކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި މިފްކޯއަށް 230 ދޯންޏަކުން މަސްކިރުވާފައިވެއެވެ. މިއީ އޭގެ ކުރީ ހަފްތާގައި މިފްކޯއަށް މަސްކިރުވި ދޯނީގެ އަދަދާއި އަޅާބަލާއިރު 0.8 އިންސައްތަ ދަށް އަދަދެކެވެ. އޭގެ ކުރީ ހަފްތާގައި މިފްކޯއަށް 232 ދޯންޏަކުން ވަނީ މަސްކިރުވާފައެވެ.

މިއާއެކު، މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް މުޅި ޖުމްލަ 8,424,733 ރުފިޔާ ދޫކޮށްފައިވެއެވެ. މިއީ އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކުރި 10,800,258 ރުފިޔާއާއި އަޅާބަލާއިރު 22 އިންސައްތަ ދަށް އަދަދެކެވެ.

މިދިޔަ ހަފްތާގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. އެދުވަހު މިފްކޯއަށް 56 ދޯންޏަކުން މަސްކިރުވާފައިވާއިރު، މަސްވެރިނަށް މުޅި ޖުމްލަ 1،890،780 ރުފިޔާ ވަނީ ދޫކޮށްފައެވެ.

މި ސަރުކާރުން ދަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މަސްވެރިންނަށް މިހާރު ދަނީ ޤަވާއިދުން 48 ގަޑިއިރުގެތެރޭގައި ފައިސާ ދޫކުރަމުންނެވެ.

މީގެ އިތުރުން، ރާއްޖޭގައި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ އުފެއްދުންތެރިންނަށް ބައިނަލްއަޤްވާމީ ބާޒާރުތަކުގައި ވާދަވެރިކަމާއެކު ބައިވެރިވުމުގެ މަގު އިތުރަށް ފަހިކުރުމުގެ މަޤުސަދުގައި މި ސަރުކާރުން ވަނީ "ފްރޮމް މޯލްޑިވްސް"ގެ ނަމުގައި މަސްވެރިކަމުގެ އުފެއްދުންތަކަށް ޚާއްޞަ ޤައުމީ ބްރޭންޑެއް ތަޢާރަފުކޮށްފައެވެ.

މި ބްރޭންޑް ތަޢާރަފުކުރުމަކީ ކަނޑުގެ ވަޞީލަތްތަކުން ދިވެހިންނަށް ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެއްކަމަށާއި، މިއީ އަގުއެއްކުރި މަހާއި މަހުގެ އުފެއްދުންތައް ރާއްޖޭގައި ތައްޔާރުކޮށް، ބަންދުކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށާއި، ޕްރޮސެސްކުރުމުގެ އިތުރުން، މަސް ފިނިކޮށް، ރައްކާކުރުމުގެ ނިޒާމު އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް ލިބިގެންދާނޭ ކުރިއެރުމެއްކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ހަމަމިއާއެކު، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުމަހުގެ މަސްވެރިކަން ކުރިއެރުވުމަށާއި، އެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން ވަނީ އިންޑިއާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ވެލިއު ޗެއިން ތަރައްޤީކުރުމާއި، ތަމްރީނާއި، ދިރާސާތަކުގައި އެއްބާރުލުން ދީ މަސްވެރިކަމުގެ ދާއިރާގެ ޤާބިލުކަން އިތުރުކުރުމާއި، ދިވެހި ރާއްޖޭގެ މެރިކަލްޗަރ ދާއިރާގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރުމާއި، އިންވެސްޓްމަންޓް ފުރުސަތުތައް ފަހިކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.