ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވައިފިއެވެ.
ބޮޑު ވަޒީރު މޯދީގެ "އެކްސް" އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ނައިބްރައީސް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފްއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެކި ދާއިރާތަކުން މަޝްވަރާކުރައްވާފައިވާކަމަށެވެ. އެގޮތުން އިންޑިއާއާއި ދިވެހިރާއްޖޭގެ އެކުވެރިކަމުގެ ގުޅުމުގެ މުހިންމު ތަނބުތަކުގެ މައްޗަށް އަލިއަޅުވާލެއްވިކަމަށް ބޮޑު ވަޒީރު މޯދީ ވިދާޅުވިއެވެ.
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއާއެކު ވަރަށް ރަނގަޅު ބައްދަލުވުމެއް ވަނީ ބޭއްވިފައި. އަޅުގަނޑުމެން ކުރި މަޝްވަރާގައި އިންޑިއާއާއި ދިވެހިރާއްޖޭގެ އެކުވެރިކަމުގެ ގުޅުމުގެ މުހިންމު ތަނބުތަކުގެ މައްޗަށް އަލިއަޅުވާލެވުނު. ދެޤައުމުން ދަނީ އިންފްރާސްޓްރަކްޗަރ،… pic.twitter.com/7JTGIn1PZJ
— Narendra Modi (@narendramodi) July 26, 2025
ދެޤައުމުން ދަނީ އިންފްރާސްޓްރަކްޗަރ، ޓެކްނޮލޮޖީ، މޫސުމަށް އަންނަ ބަދަލު، ހަކަތަ އަދި އެހެނިހެން ދާއިރާތަކުން ގާތުން މަސައްކަތް ކުރަމުންކަން ފާހަގަކުރެއްވިއެވެ. މިކަމުން ދެޤައުމުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާކުރާނެކަން ފާހަގަކުރައްވާ ކުރިއަށް އޮތް އަހަރުތަކުގައި މި ގުޅުން ވަރުގަދަވެގެން ދާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ވަޑައިގަތީ އިއެއްޔެއެވެ. މިއީ 2 ދުވަހުގެ ދަތުރުފުޅެކެވެ.