ޚަބަރު

ޣައްޒާ ޤަތުލުޢާންމު ހުއްޓައިލަން ޓްރަމްޕާއި ނަތަންޔާހޫ ޙަމާސާ އެކު މަޝްވަރާ ކުރަން ބޭނުމެއް ނުވޭ


ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤައުލުޢާންމު ހުއްޓުމަކަށް ގެނައުމަށް ކުރަމުންދާ މަޝްވަރާތަކުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު، ބެންޔަމިން ނަތަންޔާހޫ ވަކިވެއްޖެއެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ އެކު ކުރަމުންދާ ނުރަސްމީ މަޝްވަރާތައް ބާއްވަމުން ދަނީ ޤަޠަރުގެ ވެރިރަށް ދަވްޙާގައެވެ.

ޓްރަމްޕް ވިދާޅުވީ، ޔަހޫދީންނާ އެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލަން ޙަމާސުން ބޭނުންވާ ކަމަށް ޤަބޫލު ނުކުރައްވާ ކަމުގައެވެ. އަދި، ކުރިއަށް އޮތް ދުވަސްތަކުގައި ޙަމާސްގެ އިސް އޮފިޝަލުން ހޯދައި، ޝަހީދު ކުރަމުންދާ މަންޒަރު ފެންނާނެ ކަމަށް ޤަބޫލު ކުރައްވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. "ޙަމާސުން އެއްބަސްވުމެއް އެކުލަވައިލަން ބޭނުމެއް ނުވޭ. އަޅުގަނޑަށް ހީވަނީ އެ މީހުން ބޭނުން ވަނީ މަރުވާން ހެން. އެއީ ރަނގަޅު ކަމެއް ނޫން،" ޓްރަމްޕް ވިދާޅުވިއެވެ. ނިރުބަވެރި ނަތަންޔާހޫ ވެސް ވަނީ އެ މޭރުމުން ބުނެފައެވެ.

ޙަމާސާ އެކު ކުރަމުންދާ މަޝްވަރާތަކުން ފެޔަށް ޖެހެން ޔަހޫދީންނާއި އެމެރިކާއިން ނިންމާފައި މި ވަނީ، ޣައްޒާގައި ދިރިއުޅޭ 2.3 މިލިޔަނެއްހާ މީހުން ގަސްދުގައި ހައިހޫނުގައި ޖެއްސުމަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަަރީމާއަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފާޑުކިޔުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެ ކަމާ މެދު ހިތްހަމަނުޖެހުުން ފާޅު ކުރުމުގެ ގޮތުން ފަރަންސޭސިވިލާތުން ވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައެވެ.

އެ ފަދަ ފިޔަވަޅެއް އެޅުމަށް އިނގިރޭސިވިލާތާއި ޖަރުމަނުވިލާތުން ވެސް ދަނީ ވިސްނަމުންނެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމަރ ވިދާޅުވީ، ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމާ ގުޅުވައި ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައިގަންނަން އެ ޤައުމުން ވިސްނަމުންދާ ކަމުގައެވެ.

މަޝްވަރާތަކުގައި އެމެރިކާ ތަމްސީލު ކުރައްވާ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވީ، މަޝްވަރާތައް ހުއްޓުމަކަށް އައިސްފައި ވަނީ ޙަމާސްގެ ސަބަބުން ކަމުގައެވެ. ނަމަވެސް، އެއްބަސްވުމެއް އެކުލަވައިލުމަށް އިންކާރުކޮށް، ހުރަސް އަޅަމުން ދަނީ ޔަހޫދީން ކަން މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. މަޝްވަރާތައް ވިލަރެސް ކުރާ މިޞްރާއި ޤަޠަރުން ބުނީ، ވާހަކަތަކުން ފެޔަށް ޖެހެން ޔަހޫދީންނާއި އެމެރިކާއިން ނިންމާފައި މި ވަނީ މަޝްވަރާތަކުގައި މުހިންމު ކުރިއެރުންތަކެއް ހޯދެމުން ދަނިކޮށް ކަމުގައެވެ.