ޚަބަރު

އިންޑިއާ-ރާއްޖެ އެފްޓީއޭ ކުރިއަށްގެންދިއުމަށް ހަމަޖެހިގެންދިއުމަކީ ވިޔަފާރީގެ ގުޅުމުގައި ތާރީޚީކަމެއް: ވަޒީރު ސަޢީދު


  • މިއެއްބަސްވުމުގެ ސަބަބުން ބޭންކިންގެ ދާއިރާއިންވެސް އިތުރު ފަސޭހަތައް ލިބިގެންދާނެ

  • މިއެއްބަސްވުމުގެ ސަބަބުން ވިޔަފާރީގެ ހުރަސްތައް ކުޑަކުރެވިގެންދާނެ

އިންޑިއާ އާއި ރާއްޖެއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ކުރިއަށްގެންދިއުމަށް ހަމަޖެހިގެންދިއުމަކީ ދެގައުމުގެ އިޤްތިޞާދާއި ވިޔަފާރީގެ ގުޅުމުގައި ފާހަގަކޮށްލެވޭ ތާރީޚީކަމެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އިންޑިއާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށް، މަޝްވަރާތައް ފެށުމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމާއި، އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ފުރިހަމަ އިދާރީ އޮނިގަނޑެއް ޤާއިމުކުރުން ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވެއެވެ.

އިންޑިއާ - ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާ އާއި ރާއްޖެއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ކުރިއަށްގެންދިއުމަށް ހަމަޖެހިގެންދިއުމަކީ ދެގައުމުގެ އިޤްތިޞާދާއި ވިޔަފާރީގެ ގުޅުމުގައި ފާހަގަކޮށްލެވޭ ތާރީޚީކަމެއް ކަމަށެވެ.

އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އިޤްތިޞާދުކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މި އެއްބަސްވުން އެކުލަވާލުމާއެކު ފަސޭހަކަމާއިއެކު މުދަލާއި ޚިދުމަތުގެ މުޢާމަލާތްތައް ކުރެވިގެންދާނެކަމަށާއި، މާލީ ވިޔަފާރީގެ ބައިވެރިވުން އިތުރަށް ފުޅާވެ، ބޭންކިންގެ ދާއިރާއިންވެސް އިތުރުފަސޭހަތައް ލިބިގެންދިއުން ވާނީ ބަދަލުވަމުން އަންނަ ދުނިޔެއެއްގައި ކޮންމެހެންވެސް ބޭނުންތެރިކަމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ތަޞައްވަރުގެ ތެރެއިން، ފަސޭހަކަމާއެކު ރާއްޖެ އާއި ބޭރުގެ ޤައުމުތަކާއެކު ވިޔަފާރީގެ މުޢާމަލާތްތައް ކުރުމަށް އެޅިގެންދިޔަ މުޙިންމު ފިޔަވަޅަކަށް މިކަންވެގެންދާއިރު، ދެޤައުމުގެ ފައިސާއިން ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ އިންތިޒާމް (ލޯކަލް ކަރަންސީ ސެޓްލްމަންޓް) ހަމަޖެހިގެން ދިއުމަކީ ދިވެހި އިޤްތިޞާދަށް ލިބިގެންދާ އިތުރު ކުރިއެރުމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ފައިނޭންޝަލް އިންކްލޫސިވްނެސް އިތުރުކުރުމަށްޓަކައި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް ރާއްޖެއާއިއެކު މަސައްކަތްކުރެވޭނެ ފުރުސަތު ފަހިވެގެން ދިއުމަކީ ތާރީޚީކުރިއެރުމެއް ކަމަށް ވަޒީރު ވަނީ ފަހަގަކުރައްވާފައެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ބޯޑަރު ހުރަސްކޮށް ކުރެވޭ ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުވެ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިންނަށާއި، އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވިޔަފާރީގެ މުޢާމަލާތްތައް ކުރުމަށާއި، މުދަލާއި ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ، މި މުހިންމު އެއްބަސްވުން ވެގެންދާނީ އިންޑިއާ-ރާއްޖޭގެ ދެމެދުގައި ދިގު މުއްދަތެއް ވަންދެން ދެމިގެން އައިސްފައިވާ ވިޔަފާރީގެ ގުޅުމުގައި އައު ބަދަލުތަކެއް ގެނެސްދޭނެ ބާބަކަށް ކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި ކުރިއެރުމަށާއި، މާކެޓަށް ވަނުމުގެ ފުރުޞަތުތައް އިތުރުކުރެވި، ދެ ޤައުމަށްވެސް ދާއިމީ ކުރިއެރުމެއް ހޯދައިދިނުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.